ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދަ ފުރަތަމަ ފަހަރަށް ކޮމިޝަނުން ދޫކޮށްފި

September 3, 2020

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން، ކޮމިޝަނުން ހިންގާ މަޝްރޫޢު (ޕައިލަޓް ޕްރޮޖެކްޓް) ގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން، ރ. ދުވާފަރު ޕްރައިމަރީ ސުކޫލަށް “ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދަ” މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީ ގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢު (ޕައިލެޓް ޕްރޮޖެކްޓް) އެއް ހިންގުމަށް ކޮމިޝަނުން ނިންމައި، ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮމިޝަނަށް ހުށަހެޅުމަށް އިޢުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ.

މިއީ، މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ޚިދުމަތްދިނުމުގައި ޚިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ޚިދުމަތަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލު ކޮމިޝަނުން ވަނީ އެކުލަވާލައި ޢާންމުކޮށްފައެވެ.

މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ މި ފުރުޞަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އަދި މި ޚާއްޞަ ހުއްދަ ދޫކުރަނީ 6 މަސްދުވަހުގެ މުއްދަތަށެވެ.

މި މަޝްރޫޢު އިފްތިތާޙުކުރުމުގެ ގޮތުންނާއި، ދުވާފަރު ޕްރިމަރީ ސުކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތްދިނުމުގެ ޚާއްޞަ ހުއްދަ ލިބުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން، އެ ސްކޫލާއެކު މިއަދު ކޮމިޝަނުން ބޭއްވި ޒޫމް މީޓިންގގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، އެ ސުކޫލަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ޚިދުމަތެއް ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. މީގެއިތުރުން، މި ޚިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސް މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ޚިދުމަތެއް ކަމަށާއި، މި ވަގުތު ހަމައެކަނި ތަޢުލީމީ ދާއިރާއަށް ޚާއްޞަ ކުރިކަމުގައި ވިޔަސް، އެހެން ދާއިރާތަކުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށްވެސް މުސްތަޤްބަލުގައި ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް އަދި އެ ސްކޫލުން ހިންގުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޗެނަލް “ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް”ގެ ކޯޑިނޭޓަރ އިސްމާއީލް ޝުކުރީ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މި ފަދަ ޚިދުމަތެއް ދިނުމަށް ފުރުސަތު ހުޅުވާލީތީ ސްކޫލާއި ބެލެނިވެރިންގެ ނަމުގައި ކޮމިޝަނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މިއީ ރާއްޖެއަށް ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި، ޚާއްޞަކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ އެދެވިގެންވާ ގޮތުގައި ތަޢުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ބޭނުންތެރި ޚިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ޚާއްޞަ ހުއްދައިގެ ދަށުން ޚިދުމަތް ދޭނީ ރ. ދުވާފަރު ސަރަޙައްދަށެވެ.