July 22, 2018
މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑުން 7 ސެޕްޓެންބަރު 2016 ދުވަހު ރީބްރޯޑްކާސްޓްކުރެވުނު އަލްޖަޒީރާ އިންގްލިޝް އިން ފޮނުވި “ސްޓީލިންގ ޕެރަޑައިސް” ރިޕޯޓަކީ، ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޙިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލަށް ގެއްލުންވަނިވި ކޮންޓެންޓެއް ހިމެނޭ ރިޕޯޓެއްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅައިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ޚިލާފަށްކަމުން، އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުން އެދި މީޑިއާނެޓުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތައް ބާޠިލުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމުގައި ވަނީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް އިން ކޮމިޝަނަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައިގައި، ކޮމިޝަންގެ ނަންބަރު CAC-85/2016 މައްސަލައިގައި، ފަސްލައްކަ ރުފިޔާއިން މީޑިއާނެޓް ޖޫރިމަނާކޮށް މަޢާފަށް އެދުމަށް ނިންމާފައިވާ ނިންމެވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތަތީ، އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި 19 ޖުލައި 2018ގައި ވަނީ ހުކުމްކުރައްވާފައެވެ.