November 12, 2011
ނޫސް ބަޔާން
ސާކް މީޑިއާ ދުވަސް ފާހަގަކުރުމަށް ސާކް މެމްބަރު ޤައުމުތަކުން ނިންމުން
ސާކް ބްރޯޑްކާސްޓްކުރުމުގެ ދުވަހެއް ފާހަގަ ކުރުމަށް ދިވެހިރާއްޖެ އިން ހުށަހެޅި ހުށަހެޅުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު ޤައުމުތަކުން ފާސްކޮށްފިއެވެ. “ސާކް މީޑިއާ ދުވަސް” ގެ ނަމުގައި މިދުވަސް ފާހަގަކުރުމަށާއި އަދި މިކަމާ ގުޅޭގޮތުން ސަރަހައްދީ ކޮންފަރަންސެއް ބޭއްވުމަށް ސާކް މެމްބަރު ގައުމުތަކުގެ އެންމެ އިސް ވެރިން ނިންމަވާފައިވަނީ، މިމަހުގެ 10 ން 11 އަށް އައްޑޫ ސިޓީގައި ބޭއްވުނު 17 ވަނަ ސާކް ސަމިޓްގައެވެ.
ސާކް ބްރޯޑްކާސްޓްކުރުމުގެ ދުވަހެއް އޮތުމުގެ މުހިއްމުކަން ބަޔާންކޮށް މިއަހަރު އޮގަސްޓް މަހުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުށަހެޅި ކަރުދާސް ދިވެހި ސަރުކާރުން ބަލައިގެންފައިވަނީ ވަރަށް ހޫނު ތަރުހީބަކާއެކުގައެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފަދަ ދުވަހެއް ފާހަގަކުރުމަށް ހުށަހެޅުމުގެ މަޤްޞަދަކީ މީގެ ސަބަބުން ބްރޯޑްކާސްޓް އަދި މިނޫންވެސް މީޑިއާ މެދުވެރިކޮށް ސާކް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ސާކް ޤައުމުތަކުގެ ދާއިރާގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ސާކް ސަރަޙައްދުގެ ބްރޯޑްކާސްޓް އަދި މިނޫންވެސް މީޑިއާ ތަރައްޤީ ކުރުމަށް ބާރު އެޅުމެވެ. 17 ވަނަ ސާކް ސަމިޓްގެ ޝިއާރު ކަމުގައިވާ “ބިލްޑިންގ ބްރިޖަސް” ގެ ދަށުން، ތަފާތުތައް ނައްތާލާ އެއްބައިވަންތަވުމުގެ މާނައިގައި މީޑިއާ މެދުވެރިކޮށް ފާހަގަކުރާ “ސާކް މީޑިއާ ދުވަސް” ވާނީ ސާކް ޤައުމުތަކުގެ މީހުންގެ މެދުގައި ސަޤާފަތް ދެނެގަތުން ކުރިއަރުވާ، އެއްބަޔަކު އަނެއްބަޔަކާ ގުޅުވާދޭ މެދުވެރިއަކަށެވެ.
މީގެ އިތުރުން މި ދުވަސްފާހަގަ ކުރުމުގެ މަޤްސަދުތަކަކީ، ޑިމޮކްރަޓިކް އުސޫލުތަކުގެ އަލީގައި ޤައުމު ބިނާކުރުމާއި، މުޖްތަމަޢު ބައްޓަންކުރުމާއި، އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމްކުރުމުގައި މީޑިއާގެ ދައުރާއި މަސްޢޫލިޔަތުތަކުގެ އަގު ވަޒަންކޮށް، މީޑިއާގެ ތަރައްޤީއަށްޓަކައި ސަރަޙައްދި ފެންވަރުގައި އެއްބައެއްވަންތަކަމާއެކު އެއްބާރުލުންދީ ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ.
އަހަރަކު އެއްފަހަރު ސަރަހައްދީ ފެންވަރެއްގައި ފާހަގަކުރުމަށް މި ނިންމުނު “ސާކް މީޑިއާ ދުވަސް” ފާހަގަކުރާނެ ތާރީޚެއް ކަނޑައަޅާނީ ސާކް ގެ މެމްބަރު ޤައުމުތަކުންނެވެ.
12 ނޮވަމްބަރ 2011