ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

August 24, 2017

ނަންބަރު: BUR/CIR/2017/13-427

ސަރކިއުލަރ

ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ބައެއް ސްޓޭޝަންތަކުން ބްރޯޑްކާސްޓްކުރި ބައެއް ކޮންޓެންޓްގައި ޤާސިމް އިބްރާހީމް އަވަހާރަކޮށްލަން ދައުލަތުގެ ފަރާތުން މަސައްކަތްކުރާކަމަށް ބުނެ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށާއި އަދި މިފަދަ ކޮންޓެންޓްގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމަށް ބުނެ މި ކޮމިޝަނަށް ދަނީ ޝަކުވާ ލިބެމުންނެވެ.

ވީމާ، ކޮންޓެންޓް ގެނެސްދިނުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި ވަގުތުން ގެނެސްދޭ އިވެންޓްތައް ލައިވްކުރުމުގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ތަޢާރުޒުވާ ކޮންޓެންޓް ހިމެނިއްޖެނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިންގ ވަގުތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު މި ކޮމިޝަނަށް ލިބިގެންވާކަންވެސް މި ފުރުސަތުގައި ދަންނަވަމެވެ.

02 ޛުލްހިއްޖާ 1438

24 އޯގަސްޓު 2017