September 16, 2017
ނަންބަރު: BUR/CIR/2017/15-427
މީހުންނަށް ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅޭ މަންޒަރުތައް ބްރޯޑްކާސްޓްކުރުމުގައި
ކަމާބެހޭ މިންގަނޑަށް ސަމާލުވުމަށް އިލްތިމާސްކުރުން
މިޔަންމާގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ކަމުގެ އަނިޔާ ލިބެމުންދާ ފަރާތްތަކުގެ މަންޒަރުތައް ބްރޯޑްކާސްޓްކުރުމުގައި، އެ ފަދަ މަންޒަރުތައް ބްރޯޑްކާސްޓްކުރުމަށް ކަނޑައެޅިފައިވާ މިންގަޑުތަކާ ޚިލާފަށް ބައެއް ޗެނެލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ 4 ގައި ބަޔާންކޮށްފައި ވަނީ، ޤައުމަށާއި މީހުންނަށް ދިމާވާ ހިތާމަވެރި ހާދިސާތަކާއި ޤުދުރަތީ ކާރިސާތަކާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި އެ ކޯޑުގެ ދަށުން އެކުލަވާލާފައިވާ “ޤުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އަށް ރިއާޔަތްކުރަން ވާނޭ ކަމަށެވެ.
މި ގޮތުން، މި ފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެބައިމީހުންގެ އިންސާނީ ޤަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކާބެހޭ ކޮންޓެންޓް ހުށަހެޅުމުގައި މި ފަދަ ހާދިސާތަކުގައި ވިކްޓިމައިޒްވެފައިވާ ފަރާތްތަކުގެ ކޮންޓެންޓް އެ ފަރާތްތަކުގެ ޒާތީ ކަންކަން ރައްކާތެރިކުރެވޭ ގޮތަށް ގެނެސްދިނުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަޚަމުވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމާއި ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކުގެ ކޮންޓެންޓް ރިޕީޓްކުރާއިރު ހިތާމައާއި ހިތްދަތިކަން އަދި އުފެދިފައިވާ ބިރުވެރިކަން އިތުރުނުވާ ގޮތަށް ގެނެސްދިނުން ހިމެނެއެވެ. މީގެ އިތުރުން ބްރޯޑްކާސްޓްކުރކުމުގެ ޤަވާއިދުގެ 32 ވަނަ މާއްދާގައި ވާގޮތުގެ މަތީން މިފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި އެކަން އަންގައިދޭ މެސެޖެއް މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެއެވެ.
ވީމާ، މި ފަދަ މަންޒަރުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ މި ކޮމިޝަނުން އާއްމުކޮށްފައިވާ، “ޤުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާ އެއްގޮތަށްތޯ ބެލުމަށް ބްރޯޑްކާސްޓަރުން ސަމާލުވެ، އެ ފަދަ މަންޒަރުތައް ބްރޯޑްކާސްޓްކުރުމުގައި މި މިންގަޑާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.
25 ޛުލްޙިއްޖާ 1438
16 ސެޕްޓެމްބަރ 2017