ސަރކިއުލަރ – ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް އިލްތިމާސްކުރުން

June 29, 2020

ސަރކިއުލަރ

ނަންބަރު: -BUR/CIR/2020/11-427

ޖިންސީ ގޯނާގެ ހާދިސާތައް ރިޕޯޓްކުރުމުގައި ބްރޯޑްކާސްޓަރުން ސަމާލުވުމަށް އިލްތިމާސްކުރުން

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން މިހާރަކަށް އައިސް ފަތުރަމުންދާ ޚަބަރުތަކާއި މަޢުލޫމާތުގެ ތެރޭގައި އަނިޔާ ލިބުނުކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ޒާތީ މައުލޫމާތު ފަތުރަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. މި ގޮތަށް ޚަބަރު ފެތުރުމަކީ އޭގެ ސަބަބުން އެ ފަރާތް އިތުރަށް ވިކްޓިމައިޒްވެ، އެ ފަރާތުގެ އިތުރަށް އެ ފަރާތާ ގުޅުންހުރި އެހެން ފަރާތްތަކުގެ ޙައްޤަށް ނުވަތަ އިންސާނީ ކަރާމާތަށް އުނިކަން އަންނާނޭ ކަމެކެވެ. އަދި މި ފަދަ ޙާދިސާތަކުގެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްގެން މެނުވީ ޙާދިސާގެ މައުލޫމާތު ފެތުރުމަކީ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި އޭގެ ސަބަބުން ނުރަގަޅު އަސަރުތަކެއް މުޖުތަމަޢުއަށް ކުރާނޭކަމެއްކަން ޔަޤީނެވެ.

ވީމާ، ޖިންސީ ގޯނާގެ ޙާދިސާތަކާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރުމަށާއި ޙާދިސާ ހިނގާދިޔަގޮތުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި މެނުވީ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި “ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން” އާއި “ބްރޯޑްކާސްޓަކުރުމުގައި ކުޑަކުދިން ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިން” އާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ބްރޯޑްކާސްޓަރުންވެސް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ.

މި ދެންނެވި ހަމަތަކާ ޚިލާފަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުއަޅާނޭ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

8 ޛުލްޤާއިދާ 1441

 29 ޖޫން 2020