ސަރކިއުލަރ – ކޮރޯނާ ވައިރަހާއި ނުރައްކާތެރި ބަލިތަކާ ބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

January 31, 2020

 

ސަރކިއުލަރ

ނަންބަރ:427BUR/CIR/2020/2

ކޮރޯނާ ވައިރަހާއި ނުރައްކާތެރި ބަލިތަކާ ބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކުރުން

ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ވާރލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު. އެޗް. އޯ) އިން ކަނޑައަޅާފައިވާ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެ، އިލްތިމާސްކުރަމެވެ.

ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި، ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި، ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ.

ނޮވެލް ކޮރޯނާ ވައިރަހާއި ނުރައްކާތެރި ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަމެވެ

31 ޖެނުއަރީ 2020