މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

June 2, 2022

ސަރކިއުލަރ

ނަންބަރ: 427-BUR/CIR/2022/2

 

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރުން

މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަފާތު ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވެ، ނޫސްވެރިންގެ ޒިންމާއަދާކުރުމަށް އެންމެ އެކަށޭނެ މާހައުލެއް ޤާއިމްވެފައި ނެތްކަމުގެ ޝަކުވާ މި ކޮމިޝަނަށް ދަނީ ލިބެމުންނެވެ.

މިގޮތުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށް ބައެއް ފުލުހުންގެ ފަރާތުން އިންޒާރުދީ ހަދާކަމުގެ ޝަކުވާ އާއި، ވަކިވަކި ނޫސްވެރިން އައިޑެންޓިފައިކޮށް ބައެއް ފުލުހުން ފޮޓޯ ނަގަމުންދާކަމުގެ ކަންބޮޑުވުމުގެ މަޢުލޫމާތުވެސް ކޮމިޝަނަށް ވަނީ ލިބިފައެވެ. މިފަދަ ކަންކަމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަންކަމެވެ.

މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ޤާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މި ފުރުސަތުގައި މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

19 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމަކާ ގުޅިގެން ހިނގައިދިޔަ އެކި ކަންކަމުގައި،  ފުލުހުންގެ ފަރާތުން ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ ސްޓޭޝަނުން މި ކޮމިޝަނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމުގެ ގޮތުން، މި ކޮމިޝަނުން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ނިންމައި، މިއަހަރުގެ މޭ މަހު ކޮމިޝަނަށް ފޮނުވާފައިވާ ރިޕޯޓްގައިވެސް، “މުޒަހަރާތަކާއި، އެއްވުންތަކާއި، ހިނގާލުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ކޮންމެ މީޑިއާއަކަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ފުރުސަތު ދިނުމަށާއި، މުޒާހަރާތަކާއި، އެއްވުންތަކާއި، ހިނގާލުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީޑިއާ އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫނާރާނޭފަދަ ގޮތަކަށް، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމެއްދީގެން މަސައްކަތްކުރުމަށް” ފުލުހުންނަށް އަންގައި ނަސޭޙަތްތެރިވުމަށްވެސް ބަޔާންކޮށްފައިވެއެވެ.

“2021 ފެބްރުއަރީ 19 ވަނަ ދުވަހު “ލެސޫކް ކެފޭ”ގެ ތެރެއިން ފުލުހުން ޙުސައިން އިޙްސާންއާމެދު އަނިޔާވެރި ގޮތަކަށް ޢަމަލުކޮށްފައިވާކަން މި ކޮމިޝަނުގެ ތަހުގީގަށް އެނގެން އޮތުމުން، މިފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށާއި، އެއްވެސް ޙާލަތެއްގައި އެއްވެސް މީހަކާމެދު އަނިޔާވެރި، އިހާނެތި، އިންސާނިއްޔަތާ ޚިލާފު، ރަހުމުކުޑަ ގޮތަކަށް ފުލުހުން ޢަމަލުނުކުރުމަށާއި، ކޮންމެ ފަރުދެއްގެވެސް އިންސާނިއްޔަތަށް ޤަދަރުކޮށް ޙުރުމަތްތެރިކޮށް ހިތުމަށް އެންމެހައި ފުލުހުންނަށާއި، ޚާއްސަ ގޮތެއްގައި މުޒާހަރާތަކާއި، ހިނގާލުންތަކާއި، އެއްވުންތައް ބަލަހައްޓައި ކޮންޓްރޯލްކުރުމުގައި ޙަރަކާތްތެރިވާ ފުލުހުންނަށާއި، އެކި ތަންތަނާއި ސީންތަކަށް ގޮސް ޙަރަކާތްތެރިވާ ފުލުހުންނަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހަނދުމަކޮށްދީ، ނަސޭހަތްތެރިވުމަށް ލަފާއެރުވުމަށް ކޮމިޝަނުން ނިންމައިފި” ކަމުގައިވެސް، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް”ގެ ބޭނުން އެންމެ އެދެވިގެންވާ ގޮތަށް ބޭނުން ނުކުރާކަމުގެ ޝަކުވާއާއި، މުއްދަތު ހަމަވެފައިވާ ކާޑް ބޭނުން ކުރަމުންދާ ކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، މިފަދައިން ޢަމަލުނުކޮށް، މި ކާޑް ހެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، ހެދިފައިވާ ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މީޑިއާތަކަށާއި ނޫސްވެރިންނަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ.

 

2 ޖޫން 2022