March 9, 2020
ނަންބަރ:427BUR/CIR/2020/4
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖެއިން ވެސް ފެނިފައިވާ މި ދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގައި، ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި، ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ބްރޯޑްކާސްޓަރުން މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރަމެވެ.
އަދި މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމުން ހޭލުންތެރިކުރުމަށްޓަކައި ބްރޯޑްކާސްޓަރުންގެ އެއަރޓައިމްގައި މި ބަލިމަޑުކަމާބެހޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ކޮންޓެންޓް އިތުރުކުރުމަށް އިސްކަންދިނުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.
މީގެއިތުރުން، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ. އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަމެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމާއި ނުރައްކާތެރި ބަލިތަކަށް އާންމުން ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަމެވެ.
09 މާރޗް 2020