ސަރކިއުލަރ – ކޮވިޑް-19 އާ ގުޅިގެން ކޮމިޝަނުގެ މަސައްކަތުގެ ދާއިރާގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް

March 17, 2020

ސަރކިއުލަރ

ނަންބަރ:-427BUR/CIR/2020/9

ކޮވިޑް-19 އާ ގުޅިގެން ކޮމިޝަނުގެ މަސައްކަތުގެ ދާއިރާގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، އެ ރޯގާ ޖެހިފައިވާ މީހުން ރާއްޖެއިން ފެނިފައިވާތީ، އެ ރޯގާ ފެތުރުން ކުޑަކުރުމަށާއި ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމަވާފައިވާތީ، މި ކޮމިޝަނުން ވެސް ތިރީގައިވާ ފިޔަވަޅުތައް، މިއަދުން ފެށިގެން، އާއްމު ޙާލަތެއް އައިކަމަށް ސަރުކާރުން އިޢުލާންކުރެއްވުމާ ހަމައަށް، އެޅުމަށްވަނީ ނިންމާފައެވެ.

  1. ކޮމިޝަނުގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި އަޅާނޭ ފިޔަވަޅުތައް

ހ.    ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން މުވައްޒަފު އެ ކަން ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް އެންގުމުން، އެ މުވައްޒަފަކު އާއްމުންގެ ތެރެއަށް ނުކުމެ އުޅުން ރައްކާތެރިކަމަށް އެ މުވައްޒަފަކަށް އެ އިދާރާއަކުން އަންގަންދެން އެ މުވައްޒަފަށް މަސައްކަތަށް ނުނިކުމެ ހުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން

ށ.    މުވައްޒަފެއްގެ ބަލިހާލަތު ހުރިގޮތުން ނުވަތަ އެ މުވައްޒަފު ކުރަންޖެހޭ މަސއްކަތުގެ ބާވަތުން މަސައްކަތައް ނުނިކުމެ ގޭގައި މަޑުކުރުމަށް ސެކްރެޓަރީ ޖެނެރަލް އަންގާގޮތެއްގެ މަތީން އެ މުވައްޒަފަށް މަސައްކަތަށް ނުނިކުމެ ގޭގައި ހުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން

ނ.    ކޮމިޝަނުން ޚިދުމަތެއް ހޯދުމަށް ފިންގަރޕްރިންޓް ހަދާގޮތަށް ހަމަޖެހިފައިވާނަމަ ފިންގަރޕްރިންޓް ނެގުމަކާނުލައި އެ ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުން

ރ.    ގިނަ މީހުން އެއް ތަނަކަށް ޖަމާވެގެން ބާއްވާ ހަފްލާތަކާއި ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް ނުބޭއްވުމާއި ކޮންމެހެން ބާއްވަން ޖެހިއްޖެ ނަމަ ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވުން

ބ.    ރައްޔިތުންނަށް ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ފަދަ ޚިދުމަތްތައް ފާހަގަކޮށް އެ ފަދަ ޙާލަތެއްގައި ޚިދުމަތް ދިނުމުގެ ޕްލޭނެއް ހެދުން

ޅ.    ކޮވިޑް-19 ގެ އެލާޓް ލެވެލްތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ ބަލީގެ އަލާމާތްތައް ހުރި މީހެއް އޮފީހުން ފެނިއްޖެނަމަ އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ބަޔާންކުރާ ޕްލޭނެއް ހެދުން

ކ.    އޮރެންޖް އެލާޓް ލެވެލް މާލޭ ސަރަހައްދުގައި އިއުލާންކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ހިތުގެ ބަލިބައްޔާއި، ފުއްޕާމޭގެ ބަލިބައްޔާއި، ކެންސަރު ބައްޔާއި، ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ މުވައްޒަފުންނާއި، މާބަނޑު މުވައްޒަފުންނާއި އުމުރުން 55 އަހަރަށްވުރެ ދޮށީ މުވައްޒަފުން މަސައްކަތައް ނުނިކުމެ ތިބުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެ މުވައްޒަފުން އެދޭނަމަ، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން

އ.    ރަތް އެލާޓް ލެވެލްގައި، ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތައް ނުނެރުން އަދި މަސައްކަތަށް ނުނެރެ ގޭގައި ބައިތިއްބާ ދުވަސްތަކަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުން. މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނޭ މަސައްކަތްތައް ކަނޑައެޅުން.

  1. ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކޮމިޝަނުން ފަށާފައިވާ ކޮންޓެންޓް މޮނިޓަރިންގ މަސައްކަތް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލުން

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް މިހާރު ހައި ކޯޓަށް ހުށަހަޅާފައިވާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުން އޮފީހުގައި ގިނަ ވަގުތު ބައިތިއްބުން މި ދުވަސްވަރު ރަނގަޅުކަމަށް ނުފެންނާތީ، އިންތިޚާބާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ ކޮންޓެންޓް މޮނިޓަރިންގެ މަސައްކަތް ވެސް މުއްދަތެއް ނެތްގޮތަށް މެދުކަނޑާލުން.

  1. ކޮމިޝަނުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައުން

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުން ވީހާވެސް މަދު ވަގުތެއްގައި އޮފީހުގައި މަސައްކަތް ކުރުމަށް މަގުފަހިކުރުމަށް ކޮމިޝަނުގެ މަސައްކަތް ނިމޭ ގަޑި 1500 އިން 1400 އަށް ބަދަލުކުރުން.

  1. މަސައްކަތު މާހައުލުގައި ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން

ކޮމިޝަނުގެ މަސައްކަތު މާހައުލުގައި ސާފުތާހިރުކަން އިތުރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިންތިޒާމް ހަމަޖެއްސުން.

ކޯވިޑް-19 އާ ގުޅިގެން މުވައްޒަފުން މަސައްކަތަށް ނުނިކުމެ ތިބޭ ދުވަސްތަކުގައި، ރަށުން ބޭރަށް ދިއުމާއި ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ދިއުމާއި އެކި ކަންކަމުގައި ގެއިން ބޭރަށް ނިކުމެ އުޅުން ވީހާވެސް މަދުކުރެއްވުމަށާއި، ކަމާ ބެހޭ އިދާރާތަކުގެ އެންގުންތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރަމެވެ.

________________

17 މާރިޗު 2020