ސަރކިއުލަރ – ލޯކަލްކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށް ވަގުތު ވިއްކުން ނުވަތަ ދިނުމާ ބެހޭ

March 3, 2020

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2020/3

ލޯކަލްކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށް ވަގުތު ވިއްކުން ނުވަތަ ދިނުމާ ބެހޭ

 

2 ފެބްރުވަރީ 2020 ގައި ގެޒެޓްކޮށްފައިވާ “އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ އުސޫލު” ގެ 2 ވަނަ މާއްދާ (ބ) ގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ޚާއްޞަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިޢުލާނުކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ހަމަ އެ އުސޫލުގެ 7 ވަނަ މާއްދާގައި، މި މައުލޫމާތު އެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން، މި އުސޫލުގެ ދަށުން ބްރޯދްކާސްޓަރު ޚާއްޞަކުރި ވަގުތު ދީ ނުވަތަ ވިއްކި ގޮތުގެ ތަފުސީލު ހިމެނޭ ފުރިހަމަ ރިޕޯޓެއް، މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުން، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

ވީމާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް 4 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރުމަށް ހަނމަޖެހިފައިވާތީ، ހުރިހާ ބްރޯޑްކާސްޓަރުން ވެސް މި ކަމަށް ސަމާލުކަން ދެއްވައި، އުޞޫލުގައި ބަޔާންކުރާ އެންމެހައި މައުލޫމާތު ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހެޅުމަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.

      8 ރަޖަބު 1441

      3 މާރިޗު 2020