ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްނުކުރުމަށް އަންގައިފި

May 29, 2018

ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައިފިއެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ޢާންމު ކޮށްފައިވާ ސަރކިއުލަރގެ މުހިންމު ބައިތަކެވެ.

ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ “ސިޔާސީ ޕާޓީއާއި، ޖަމްޢިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.”

ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މަޢުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުންކުރަންވާނީ ޤާނޫނު ނަންބަރު14/2013  (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު R-34/2016 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ޙައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު) އާއި ގަވާއިދު ނަންބަރު R-35/2016 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ޙައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ.

ނަމަވެސް، ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުން ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ޤައިދީން ޕްރޮމޯޓްކޮށް ކުރިއަށްނެރެ ޝަޙްސު އޮޅޭގޮތަށް ހިންގަމުން ގެންދާ ޙަރަކާތްތަކާއި ޢަމަލުތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއްކަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރަމުންދާތީ، އެ ފަދަ ކޮންޓެންޓް ގެނެސްދިނުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުވުމަށާއި ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

އަދި ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.