ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، އެކަންކަން ސާފުކޮށްދިނުން

July 3, 2014

ނޫސް ބަޔާން

 ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ލޮބީ ކުރުމަށް ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕެއް އުފެއްދެވުމާ ގުޅިގެން އެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވަމެވެ.

ލޮބީ ގްރޫޕް ތަޢާރަފުކުރުމުގެ ގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، ކަމުގެ ހަގީގަތް ޢާންމުންނަށް އޮޅިގެން ހިނގައިދާނެކަމަށް ފެންނާތީ އެކަންކަން ސާފުކޮށްދިނުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

  1. ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ގަވާއިދުގައި ލިސްޓެޑް އިވެންޓްސްއާ ބެހޭ ބައި ހިމަނާފައިވަނީ 2012 ވަނަ އަހަރު އެ ގަވާއިދުތައް އެކުލަވާލުމުގެ މަރުހަލާގައި ހުރިހާ ބްރޯޑްކާސްޓަރުންނާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާކޮށް ބަހުސްކުރުމަށް ފަހު، އެހާތަނަށް ކުރެވުނު ތަޖުރިބާގެ އަލީގައި، އެއްބަސްވެވުނު ގޮތަށެވެ. މި ދެ ގަވާއިދުގައި ހިމެނޭ ލިސްޓެޑް އިވެންޓްސްއާ ބެހޭ ބައި ތަންފީޒުކުރުމަށް އެންމެ ފުރިހަމަ ގޮތުގައި ފުރުސަތު ލިބިގެން މި ދިޔައީ މިއަހަރުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތާ ގުޅިގެން ކަމަށް ވާތީ، ގަވާއިދުގައި އިތުރަށް ރަގަޅުކުރަން ހުރި ބައެއް މައްސަލަތައް ދަނީ ފާހަގަކުރެވެމުންނެވެ.  އެހެންކަމުން، މިހާރު ކުރެވުނު ތަޖުރިބާގެ އަލީގައި ގެންނަން ފެންނަ އިސްލާހުތައް ހިމަނައިގެން ލިސްޓެޑް އިވެންޓްސްއާ ބެހޭ ވަކި ގަވާއިދެއް ހެދުމަށް ކޮމިޝަނުން ނިންމައި އެކަން މިހާރު ވާނީ އިޢުލާނުކޮށްފައެވެ. ލިސްޓަޑް އިވެންޓްސްއާ ބެހޭ މި ގަވާއިދު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގައި، ލިސްޓެޑް އިވެންޓްސްއާ ބެހޭ ގޮތުން މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި ކޮމިޝަނުން ޑްރާފްޓެއް އެކުލަވާލުމަށްފަހު މި ޑްރާފްޓަށް ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ އިތުރުން، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވެސް ވަނީ ނިންމައިފައެވެ.
  2. ފީފާ ވާރލްޑްކަޕް 2014ގެ ރައިޓްސް ނަގާފައިވާކަމަށް މި ކޮމިޝަނަށް މިހާތަނަށް އަންގާފައިވަނީ ޓީވީއެމް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުންނާއި ވީޓީވީ ހިންގާ އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ އިންނެވެ. ނަމަވެސް “އައިސް ޓީވީ”އިންނާއި މީޑިއާނެޓުން ވާރލްޑްކަޕް ދެއްކުމާ ބެހޭ މައްސަލަ މި ކޮމިޝަނަށް ފާހަގަވެގެން މިހާރު މިދަނީ ތަހުގީގުކުރަމުންނެވެ.
  3. ލިސްޓެޑް އިވެންޓްސްގެ ރައިޓްސް ގަވާއިދުގެ ތަރަހައިގެ ތެރެއިން ހޯދުމަކީ ހުރިހާ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންނަށްވެސް ލިބިގެންވާ ހައްގެކެވެ. އެހެންކަމުން އެ ރައިޓްސް ހޯދާ ފަރާތަކުން ސްޕޮންސަރުންނަށް މި މަޢުލޫމާތު ފޯރުކޮށްދިނުމަކީ ރައިޓްސް ހޯދާ ފަރާތުގެ ޒިންމާއެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ.
  4. ބްރޯޑްކާސްޓަރަކު ކޮމިޝަނާ ބައްދަލުކުރުމަށް އެދުނު ކޮންމެ ފަހަރަކުވެސް އެކަމަށް މަގުފަހިކޮށްދީފައިވާނެ ކަމާއި އަދި މުސްތަޤުބަލުގައިވެސް މިފުރުސަތު ހުޅުވިފައި އޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ. މިހާރު އުފެދިގެން މިއުޅޭ ވާރލްޑްކަޕް ރައިޓްސްގެ މައްސަލާގައި ކޮމިޝަނާ ބައްދަލުކުރުމަށް އެއްވެސް ބްރޯޑްކާސްޓަރަކު މިހާތަނަށް އެދިފައެއް ނުވެއެވެ. ނަމަވެސް ވާރލްޑްކަޕްގެ ރައިޓްސް ރާއްޖެއިން ހޯދުމުގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އެދިވަޑައިގަތުމުގެ މަތިން ބައްދަލުވުންތަކެއް ވާނީ ބާއްވައި ކޮމިޝަނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް އަރުވާފައެވެ.

 ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަކުރައްވާފައިވާ ބްރޯޑްކާސްޓިންގ ދާއިރާގައި ހުރި ކަމަށް ބުނާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކޮމިޝަނުން މަރުހަބާ ކިޔައި ދައުވަތު އަރުވަމެވެ.

03 ޖުލައި 2014