January 30, 2020
ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު އިސްލާޙުކުރުމަށް ފަހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށްފިއެވެ.
29 ޖެނުއަރީ 2020ގައި ބޭއްވި ކޮމިޝަނަރުންގެ ބައްދަލުވުމުގައި މި ނިޒާމަށް ގެނައި މައިގަނޑު އެއް އިސްލާހަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުވެ މައްސަލައާ މެދު މަޝްވަރާކޮށް މައްސަލަ ހައްލުކުރެވޭނެކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި އެ ފުރުޞަތު ދެ ފަރާތަށްވެސް ދިނުމާ ބެހޭ ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުހަލާއެއް ތަޢާރަފްކުރުމެވެ.
މި މާއްދާގެ ދަށުން، މައްސަލައިގެ އަސްލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ފުރުޞަތު ދިނުމާމެދު ގޮތެއް ކަނޑައަޅާނެއެވެ. އަދި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ފުރުޞަތު އޮތްކަމަށް ނިންމާ މައްސަލަތަކުގައި 7 (ހަތެއް) ދުވަހުގެ ތެރޭގައި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ބައްދަލުވުން އިންތިޒާމްކޮށް އެފަރާތްތަކަށް އަންގާ، އެ މަރުހަލާ ނިންމުމާއި އެކު ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުހަލާގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެއްބަސްވެވޭ ގޮތެއްގެ މަތިން މައްސަލަ ނިންމަންވާނެއެވެ.
މި ނިޒާމަށް ގެނެވުނު އަނެއް އިޞްލާހަކީ ކޮމިޝަންގެ ނިންމުމަކާ މެދު މައްސަލަ ރައްދުވާ ފަރާތަކުން ހިތްހަމަ ނުޖެހޭނަމަ، އެ ފަދަ މައްސަލައެއް މުރާޖަޢާކުރުމަށް އެދި އެ ފަރާތަށް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު، ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައް ރައްދުވާ ފަރާތްތަކަށް ވެސް ލިބިގެން ދިއުމެވެ. މި ގޮތުން މި ފަދަ މައްސަލަތައް މުރާޖަޢާކުރުމަށް އެދޭނަމަ، މި މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމަށް އެދި ‘މައްސަލައިގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދޭ ފޯމު’ މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. މުރާޖަޢާކުރަން އެދޭ މައްސަލަތައް ބަލަން ނިންމާނީ މުރާޖަޢާ ކުރުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ވާނަމައެވެ.