އާންމު ސުވާލު
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރެވުނީ ކޮންއިރަކު؟
- މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައީސުލްޖުމްޙޫރިއްޔާ މެންބަރުން އައްޔަނު ކުރެެއްވީ 04 އޭޕްރީލް 2011 ގައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދިފައިވަނީ ކޮން ޤާނޫނުއެއްގެ ދަށުން؟
- ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދިފައިވަނީ ޤާނޫނު ނަމްބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ އަދަދަކީ ކޮބާ؟
- ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖލީހުން ހޮވިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަން ކުރައްވާ ހަތް މެމްބަރުންގެ މައްޗަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ކޮބާ؟
- މިކޮމިޝަން އުފެއްދުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޤަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމާއި ތަންފީޒްކުރުމާއި އަދި ޑިމޮކްރަސީ އާލާ ކުރުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އަދި ޒިންމާދާރުގޮތުގައި ބޭނުންކުރާ ބްރޯޑްކާސްޓަރުން އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.މީގެ އިތުރުން ބްރޯޑްކާސްޓަރުންގެ ޚިދުމަތް ފުޅާދާއިރާއެއްގައި ފޯރުވައިދިނުމަށާއި އޭގެ އިންފްރާސްޓްރަކްޗަރ މުޅި ރާއްޖެއަށް ފުޅާކުރެވޭނޭ މަގުފަހިކޮށްދިނުމާއި، އެފަދަ ނިޒާމްތައް އެކުލަވާލާ ޤާއިމުކުރުންވެސް ހިމެނެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ބެހިގެންވާ ބައިތަކަކީ ކޮބާ؟
- ޕަބްލިކް ސާރވިސް ބްރޯޑްކާސްޓިންގ
- ކޮމާޝަލް/ޕްރައިވެޓް ބްރޯޑްކާސްޓިންގ
- ކޮމިއުނިޓީ ބްރޯޑްކާސްޓިންގ
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބެހެނީ ކިތައް ބަޔަށް؟ އަދި އެއީ ކޮންބައިތަކެއް؟
- ދެ ބަޔަކަށެވެ. އެއީ ރޭޑިއޯ ޚިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސާއި ޓެލެވިޒަން ޙިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކުރެވޭ ލައިސަންސްތަކަކީ ކޮބާ؟
- ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް
- ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް
ފްރީކުއަންސީ ލައިސަންސް އަކީ ކޮބާ؟
- ފްރީކުއަންސީ ލައިސަންސް އަކީ ރާއްޖެއަށް ޓެރެސްޓިރިއަލްކޮށް ބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ފްރީކުއަންސީ ހޯދުމަށް އެދޭ ފަރާތްތަކަށް ހުޅުވާލެވޭ ބީލަމެއް ކާމިޔާބު ކުރާ ފަރާތްތަކަށް ދެވޭ ލައިސަންސް އެކެވެ. ބީލަން ހުށަހަޅާ ފަރާތްތަކަކީ ބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދާއި ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގް އަށް ފްރީކުއަންސީ ދޫކުރުމުގެ ޤަވާއިދުގ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންޖެހެއެވެ.
ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަކީ ކޮބާ؟
- ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް ބްރޯޑްކާސްޓްކުރުމުގެ ޙިދުމަތެއް ދިނުމަށް ދޫކުރެވޭ ލައިސަންސެކެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަކީ ކޮބާ؟
- ރާއްޖޭގައި ޤާއިމްކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް، އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށް ދެވޭ ލައިސަންސެކެވެ.
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްއަށް އެދޭނީ ކިހިނެއް؟
- ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަށް އެދޭ ފޯމް މި ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. ލައިސަންސަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ މުޙިއްމު ލިޔެކިޔުންތަކުގެ މަޢުލޫމާތު މި ފޯމްގައި ހިމެނިފައިވާނެއެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާއި ގުޅުން ހުރި މައްސަލަތަކާ ބެހޭގޮތުން ހުށެހެޅޭ ޝަކުވާގެ މައިގަނޑު ބާވަތް ތަކަކީ ކޮބާ؟
- ކޮންޓެންޓާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭ ޝަކުވާ
- ލައިސަންސާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭ ޝަކުވާ
- ޚިދުމަތާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭ ޝަކުވާ
- އެހެނިހެން މައްސަލަތަކާއި ގުޅުންހުރި ޝަކުވާ
ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާއި ގުޅުން ހުރި މައްސަލަތަކާ ބެހޭގޮތުން ޝަކުވާއެއް އޮތްނަމަ ހަދާނީ ކިހިނެއް؟
- ޝަކުވާ ހުށެހެޅުމަށް އެދޭ ފޯމް ފޯމް ފުރިހަމަކޮށް ކޮމިޝަނަށް ހުށަހަޅުއްވާނީއެވެ. މި ފޯމް ކޮމިޝަނުގެ ފްރަންޓް އޮފީސް އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ލައިސަންސް ދިނުމުގެ ޝަރުތަކާއި ނުވަތަ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފްވެފައިވާކަމަށް ކޮމިޝަނުން ނިންމައިފިނަމަ އެފަރާތަކާމެދު އެޅޭނެ ފިޔަވަޅުތަކަކީ ކޮބާ؟
- ލައިސަންސް ލިބިފައިވާ ފަރާތަށް އެކަމެއް ރަނގަޅުކުރުމަށް އެންގުން
- ލައިސަންސް ލިބިފައިވާ ފަރާތަށް ދެވޭ އިންޒާރެއް އާންމުކޮށް ޝާއިޢުކުރުން
- ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހެއް އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން
- ކުށް އިސްލާހުކޮށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުން
ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ލައިސަންސް ދިނުމުގެ ޝަރުތަކާ ތަކުރާރުކޮށް ޚިލާފްވެއްޖެނަމަ އަމަލުރެވޭނީ ކިހިނެއް؟
- ވޭތުވެދިޔަ އަހަރުގެ އެފަރާތަށް ލިބުނު އާމްދަނީގެ 2 (ދޭއް އިންސައްތަ) އަށްވުރެ ބޮޑުނޫން ޢަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވޭ.
ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޤާނޫނާއި ޤަވާއިދާ ޚިލާފުވަމުންދާނަމަ އަދި އެކަން ރަނގަޅުކުރަން އެންގުމުން ރަނގަޅު ނުކޮށްފިނަމަ މިފަދަ ފަރާތްތަކާމެދު އަމަލުކުރާނީ ކިހިނެއް؟
- އެފަރާތުގެ ޕްރޮގްރާމް ޝެޑިއުލުން ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވޭ.
ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއްގެ ލައިސަންސް ބާތީލް ކުރުމުގެ އިޙްތިޔާރު ލިބިފައިވަނީ ކޮންފަރާތަކަށް؟
- ޤާނޫނާއި ޤަވާއިދާ ތަކުރާރުކޮށް ޚިލާފްވާނަމަ އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމުގެ އިޙްތިޔާރުވެސް ކޮމިޝަނަށް ލިބިގެންވޭ. މިގޮތުން ލައިސަންސް ބާތިލްކުރާކަން ނުވަތަ ނޫންކަން ނިންމާނީ ޝަރުޢީ މަރުހަލާގައި ކޯޓުން.