‎ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ބްރޯޑްކާސްޓް ކުރުމަށް ކޮމިއުނިޓީ ބްރޯޑްކާސްޓިން ލައިސަންސަށް މިހާރު އެދެވޭނެ

November 5, 2024

ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ބްރޯޑްކާސްޓް ކުރުމަށް ކޮމިއުނިޓ ބްރޯޑްކާސްޓިން ގެ ދަށުން ކޮމިއުނިޓީ ރޭަޑިއޯ އަދި ކޮމިއުނިޓީ ޓެލެވިޜަން ގެ ޚިދުމަތުގެ ލައިސަންސަށް މިހާރު އެދެވޭނެ އެވެ.

‎ރާއްޖެއަށް ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު 2022/R-16)އިސްލާހުތައް ގެނެސް ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާ މި ގަވާއިދު ގެޒެޓްކުރީ 10 ސެޕްޓެމްބަރު 2024 ގައި އެވެ.
‎ގަވާއިދަށް ގެނައި މި ބަދަލާއި އެކު، ކޮމިއުނިޓީ ބްރޯޑްކާސްޓިން އަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިދުމަތް ފޯރުކޮށްދިނުމަށް އެދުމުގެ ފުރުސަތު ކޮމިޝަނުން ވަނީ އާއްމުކޮށް ހުޅުވާލައިފި އެވެ.

‎ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ވަކި ސަރަހައްދަކަށް (ސިޓީއަކަށް ނުވަތަ ރަށަކަށް) ނުވަތަ ވަކި ސަރަހައްދެއްގެ ޚާއްސަ ޝައުޤުވެރިކަމެއް ހިމެނޭ ކަންކަން ކުރިއެރުވުމަށްޓަކައި، އުފައްދާފައިވާ ޓިވީ/ރޭޓިއޯ ޗެނަލްތަކަށެވެ.

‎”ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށް ކައުންސިލްތަކާއި ބައްދަލުކުރައްވާ އިރު އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރަށްތަކާއި އަތޮޅުތަކުގެ ވާހަކަތައް އަދި އަޑުތައް މެއިންސްޓްރީމް މީޑިއާ އަށް ނުފޯރުން. ކޮމިއުނިޓީ ބްރޯޑްކާސްޓިން އާއި އެކު އަޅުގަނޑުމެން މިދެނީ އެހީސާބެއްގެ ބަހުރުވައިން ޗެނަލްތައް ހިންގުމުގެ ފުރުސަތު. އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފާ، ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމަށް ލައިސަންސަށް އެދި ހުށެހެޅުން. އަދި މިކަމުގަ އެއްވެސް ސިޔާސީ ކުލައެއް ނުޖައްސާ އެ ކޮމިއުނިޓީގެ ލާބައާ މަންފާ އަށް މަސައްކަތް ކުރާ ޗެނަލްތަކެއްގެ ގޮތުގައި ޒިންމާދާރު ކަމާއެކު މި މަސައްކަތް ކުރުން” މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

‎ކޮމިޝަނުން އާއްމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމަށް ދޫކުރާ ލައިސަންސްއިގެ މުއްދަތަކީ 3 އަހަރު ދުވަހެވެ. ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރާނީ ކޮންމެވެސް އެއް ސަރަހައްދެއް (ސިޓީއެއް ނުވަތަ ރަށެއް) ގައި ޚިދުމަތް ދިނުމަށެވެ.

‎ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތްދޭން ނަގަންވާ ލައިސަންސްގެ ފީ ތައް ތިރީގައި މިވަނީ:

  • މި ހިދުމަތް ހޯދުމަށް، ރަޖިސްޓްރީ ކުރުމަށް ޓީވީ އަދި ރޭޑިއޯ އިންވެސް ދައްކަންޖެހޭ ފީ އަކީ 500 ރުފިޔާ އެވެ
  • އަހަރީ ލައިސަންސް ފީގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހޭ ކަމަށް ގަވައިދު ބުނޭ

‎ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ކަމާގުޅޭ އުސޫލުތަކާއި، ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާއެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެއެވެ.

‎ގަވާއިދުގައިވާ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓިން ލައިސަންސްގައި ހިންގާ ޗެނަލަކުން އެއްވެސް ސިޔާސީ ކޮންޓެންޓެއް އަދި އެއްވެސް މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ފޯރުކޮށްދޭ ޚިދުމަތަކަށްވެސް އެ ޚިދުމަތް ވެގެން ނުވާނެކަމަށްވެސް ބުނެއެވެ.

‎ކޮމިއުނިޓީ ބްރޯޑްކާސްޓިންހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ލައިސަންސަށް އެދުމަށް މި ފޯމު ކޮމިޝަނަށް ހުށެހެޅުމުން އޮންނަ އުސޫލުގެ ތެރެއިން ލައިސަންސް ދޫކުރުމުގެ މަސައްކަތް ކޮމިޝަން ކުރިއަށްގެންދާނެ އެވެ.