“ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑް” ކޮމިޝަނުން ޤާއިމްކޮށްފި

April 12, 2022

“ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑް” ނަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އެހީތެރިކަން ހޯދުމަށް ފަންޑެއް ޤާއިމްކޮށްފިއެވެ.

މި ފަންޑާ ގުޅޭގޮތުން ކޮމިޝަނުން އެކުލަވާލާފައިވާ [ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑްގެ ގަވާއިދު” ފާސްކޮށް، މިއަދު ޢަމަލުކުރަންވެސް ފަށައިފައިވެއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑަށް ޖަމާކުރާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ވިޔަފާރިތަކުންނާއި އެ ނޫންވެސް ފަރާތްތަކުން ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީގެ ގޮތުގައި ލިބޭ ފައިސާއެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑުން ޚަރަދު ކުރެވޭނީ، އަންނަނިވި ކަންކަމަށެވެ.

  1. ބްރޯޑްކާސްޓްކުރުމުގެ ސިނާޢަތުގެ ކުރިއެރުވުމަށް ހިންގާ ޙަރަކާތްތަކަށް
  2. ބްރޯޑްކާސްޓް ޚިދުމަތް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތުދިނުމުގެ ގޮތުން އެހީތެރިވުމަށް
  3. ބްރޯޑްކާސްޓް ދާއިރާގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ދިރާސާކުރާ ފަރާތްތަކަށް އެހީތެރިވުމަށް
  4. ބްރޯޑްކާސްޓަރުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ހިންގޭ އެކި ޙަރަކާތްތަކަށް
  5. ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކޮށް ތަރައްޤީކުރުމަށް
  6. ބްރޯޑްކާސްޓް ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތް ހިންގުމަށް

އަދި ބްރޯޑްކާސްޓް ދާއިރާގެ ވަކި މަޝްރޫއެއް ހިންގުމަށް ޝަރުތުކޮށް ފަންޑަށް ފައިސާ ލިބިއްޖެނަމަ އެ ފައިސާ ޚަރަދުކުރާނީ އެކަމަށް ކަނޑައަޅާފައިވާ ބޭނުމަށް އަދި އެކަމަށް ކަނޑައަޅާފައިވާ މިންވަރަށެވެ. މީގެއިތުރުން، މި ޓްރަސްޓް ފަންޑް ހިންގުމަށް އެކުލަވާލާފައިވާ ހިންގާ ކޮމިޓީން ނިންމާ ކަންތައްތައް ކުރުމަށްވެސް މި ފަންޑުން ޚަރަދުކުރެވޭނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހިންގާނެ މި ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ކޮމިޝަންގެ ރައީސް (ހިންގާ ކޮމިޓީގެ ޗެއަރޕާރސަން)، ކޮމިޝަނުން އައްޔަނުކުރާ ކޮމިޝަންގެ ދެ މެންބަރުންނާއި ކޮމިޝަންގެ މުވައްޒަފެއްގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ މަންދޫބެއްގެ މައްޗަށެވެ.

މި ފަންޑް ޤާއިމްކުރުމާއެކު، މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޝަނުން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.