ބްރޯޑްކާސްޓް އެވޯޑްސް 2024 އަށް އެންޓްރީ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

September 3, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024” އަށް އެންޓްރީ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 17 ސެޕްޓެމްބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

މި އެވޯޑްގައި ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ބަޔަކުން 26 އެވޯޑެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޕްރޮޑަކްޝަން އެވޯޑް، ވަކި ވަކި ފަރުދުންނަށް ދޭ އެވޯޑް އަދި އިންޑަސްޓްރީ އެވޯޑެވެ.

އިންޑަސްޓްރީ އެވޯޑް ތަކުގެ ތެރޭގައި “އެންމެ މޮޅު ބްރޯޑްކާސްޓިން ޗެނެލް”، “އިންކްލޫސިވް ބްރޯޑްކާސްޓާ” އަދި “ލައިފްޓައިމް އެޗީވްމަންޓް އެވޯޑް” ފަދަ ޝަރަފުވެރި އެވޯޑްތައް ހިމެނެ އެވެ.

އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ބްރޯޑްކާސްޓް އެވޯޑްގެ ފަނޑިޔާރުކަން ކުރައްވާނީ މިނިވަން އަދި ހޮވާލެވިފައިވާ ފަންނީ ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން އެދެނީ ހުރިހާ ބްރޯޑްކާސްޓަރުންވެސް މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށްް ހިފައި އެވޯޑަށް ވާދަކުރުމަށެވެ.