June 5, 2014
ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާ އަށް އަމާޒުކޮށްގެން މި ޖޫން މަހުގެ 3ން 5ށް ބޭއްވުނު “ވާރކްޝްޕް އޮން ޖެންޑަރ ސެންޓިސައިޒޭޝަން ފޮރ ބްރޯޑްކާސްޓް މީޑިއާ” ގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު މޫކައި ހޮޓެލްގައި ބާއްވައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމްކޮށްގެން، ޔުނެސްކޯ އާއި އޭ.ބީ.ޔޫ އަދި ކޮމަންވެލްތް ބްރޯޑްކާސްޓިންގ އެސޯސިއޭޝަންގެ އެހީގައި ބޭއްވުނު މި ވަރކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރީންނަށް ސެޓްފިކއޓްތައް ބައްސަވައި ދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބެވެ.
މި ރަސްމިއްޔާތުގައި އޭނާ ދެއްކެވި ވާހަކަފުޅުގައި، މީޑިއާގެ ދާއިރާއިން މީހުން ބިނާކުރުމަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ހާމަކުރެއްވިއެވެ. އަދި މި ވާރކްޝޮޕްގެ ސަބަބުން ބައިވެރީންނަށް އިތުރު މައުލޫމާތުތަކެއް ލިބި އެ ފަރާތަތަކުގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނޭ ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ އެހީގައި ބޭއްވޭ މިފަދަ ފުރުސަތުތަކުގައި، މިހާރަށްވުރެ ބޮޑަށް ބްރޯޑްކާސްޓްރުންގެ ފުރިހަމަ ބައިވެރިވުން ދެއްވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.
މި ވަރކްޝޮޕްގައި މައިގަޑު ގޮތެއްގައި މައުލޫމާތި ދެވުނީ ޖެންޑަރ އިޝޫސް މީޑިއާގައި ރިޕޯޓްކުރުމަށް ގެންގުޅޭ އިންޓަނެޝަނަލް ބެސްޓް ޕްރެކްޓިސް އާ ގުޅޭގޮތުންނެވެ. ހުރިހާ ބްރޯޑްކާސްޓިންގ ސްޓޭޝަންތަކަށް ދައުވަތުދީގެން ބޭއްވުނު މި ވަރކްޝޮޕްގައި ތަމްރީނު ދެއްވީ ކޮމަންވެލްތް ބްރޯޑްކާސްޓް އެސޯސިއޭޝަންގެ ރައީސާ މިޒް. މޮނީޒާ ހާޝިމީއެވެ.
ވޭތުވެދިޔަ އަހަރުގައި ވެސް، ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުގެ އެހީގައި ބްރޯޑްކާސްޓަރުންނަށް ތަމްރީނުގެ ތަފާތު ފުރުސަތުތައް ހޯދައިދެވިފައި ވެއެވެ. މި ގޮތުން އެމެރިކާ ސަރުކާރުގެ އިތުރުން އޭ.އައި.ބީ.ޑީ އަދި އައި.އާރް.ސީ ފަދަ ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުގެ އެހީގައި ތަފާތު ސެމިނަރ/ ވަރކްޝޮޕްތައް ހިންގިފައިވެއެވެ.