ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ކޮމިޝަނުން ބައިވެރިވެއްޖެ

November 20, 2016

hajj-scheme-featureމޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މުވައްޒަފުންގެ ޙައްޖު ސްކީމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ކޮމިޝަންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، މި ސްކީމުގައި ބައިވެރިވުމުގެގޮތުން، ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. އަދި ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސްއެވެ.

ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ މުވައްޒަފުންގެ ސްކީމަކީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މިނިސްޓްރީތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް، އެފަރާތްތަކުގެ މުސާރައިން ކަނޑައެޅިފައިވާ ވަކި މިންވަރެއް، ކަނޑައެޅިފައިވާ މުއްދަތެއްގައި އުނިކޮށް އެގޮތުން އުނިކުރާ ފައިސާ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީސް މެދުވެރިކޮށް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރަމުންގޮސް ޙައްޖު ދަތުރަށްވާ ފައިސާ އަދާކޮށް ނިންމުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން އެކުލަވައި ހިންގާ ސްކީމްއެކެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ނައިބު ރައީސް މުހައްމަދު އަސްލަމާއި، ކޮމިޝަނަރ ފާޠިމަތު ޒައިނާއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙުއާއި ކޮމިޝަންގެ ބައެއް އިސް މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.