ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2019)

August 20, 2019

ޝަކުވާ ނަންބަރު: IMCAC-01/2019

ޝަކުވާ ހުށަހެޅި ތާރީޙް: 08 އޭޕްރީލް 2019

ހުލާސާ: މިއީ، ޗޮއިސް އެންޑް ޕްލަސް އިން ހދ. ކުޅުދުއްފުށީގައި ލައިސަންސްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޗޮއިސް އެންޑް ޕްލަސް އިން ހދ.ކުޅުދުއްފުށީގައި ލައިސަންސްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ޗޮއިސް އެންޑް ޕްލަސްގެ ނަމުގައި ހދ. ކުޅުދުއްފުށީގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތް ކަމުގައިވާ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމާއި؛

މައްސަލައަށް ޖަވާބުދާރީވެ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑުން 12 ޖޫން 2019 ގައި ފޮނުވި ސިޓީއާއެކު ހދ. ކުޅުދުއްފުށީގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމެއް ހުށަހަޅާފައިވާތީއާއި،

ވޭވްލެންތް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހދ. ކުޅުދުއްފުށީގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން މީޑިއާނެޓްގެ ޗެނަލްތައް ބޭނުންކޮށްގެން ކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލުގެ އިދާރާއިން ވެސް މައުލޫމާތު ދެއްވާފައިވާތީ އާއި؛

މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދީފައިވާ ފަރާތެއްކަމަށްވާތީ އާއި، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ‘ހިޓްސް ކޭޑީއެޗް ޕެކޭޖް’ އަކީ ހދ. ކުޅުދުއްފުށީގައި މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހިމެނުމަށް ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖަކަށްވާތީ؛

ވޭވްލެންތް ޕްރައިވެޓް ލިމިޓެޑުން ހދ. ކުޅުދުއްފުށީގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ ވޭވްލެންތް ޕްރައިވެޓް  ލިމިޓެޑުގެ ނެޓްވޯރކްގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ‘ހިޓްސް ކޭޑީއެޗް ޕެކޭޖް’ ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ވޭވްލެންތް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

30 ޖުލައި 2019