August 26, 2021
ޝަކުވާ ހުށަހެޅި ތާރީޙް: 03 މާރިޗް 2021
ހުލާސާ: މިއީ، ޗެނަލް 13 އިން 2021 ފެބްރުވަރީ 26 ވަނަ ދުވަހު ފޮނުވި މުޒާހަރާ ކޮންޓެންޓް އަދި 26، 27 އަދި 28 ވަނަދުވަހުގެ “ހަޖަމް” ޕްރޮގްރާމްގައި ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޗެނަލް 13 އިން 26 ފެބްރުއަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގައި، ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ބަލާފައިވާ ނަންބަރު IMCAC-01/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި؛
މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ޗެނަލް 13ގެ 26 ފެބްރުއަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގެ ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅޭ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރު ” މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ (1) ވަނަ ނަންބަރު” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،
ޗެނަލް 13ގެ ޕްރޮގްރާމްތައް ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަމްބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1)، އަދި 5 ވަނަ ހަމައިގެ (1)، އާ ޚިލާފް ކޮންޓެންޓް، ޗެނަލް 13ގެ 26 ފެބްރުއަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަމްބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 31 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.
10 އޮގަސްޓް 2021