September 3, 2023
ޝަކުވާ ހުށަހެޅި ތާރީޙް: 25 މޭ 2023
ހުލާސާ: މިއީ، ޗެނަލް 13 އިން 22 މެއި 2023 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް ބްރޯޑްކާސްޓްކުރި “ކަނޑުފޭރޭ ޗޯރު” “ފެލާލައިފި” “ލުޓޭރު އިބުރޭ” (ލަވަތައް) ހިމެނޭ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް މަންޒަރާއި އަޑު ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ، ކޮމިޝަނުގެ އިސްނެގުމުގެމަތީން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާކަމާއި،
މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ މައްސަލަ ބަލާފައިވަނީ އެފަރާތުގެ ބަސް ނުހިމަނައިކަމާއި،
22 މެއި 2023 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ކަނޑުފޭރޭ ޗޯރު” “ފެލާލައިފި” “ލުޓޭރު އިބުރޭ” (ލަވަތައް) ހިމެނޭ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 20 ވަނަ ހަމައިގެ 10 ވަނަ ނަންބަރު ” މުޖުތަމަޢުގެ އަދަބު އަޙްލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުން” ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 20 ވަނަ ހަމައިގެ 02 ވަނަ ނަންބަރު ” އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން” ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 03 ވަނަ ހަމައިގެ 01 ވަނަ ނަންބަރުގައި ” މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 05 ވަނަ ހަމައިގެ 01 ނަންބަރުގައި ” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަ ކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފު ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ތަޙްގީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،
ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) ވަނަ ނަންބަރު، 2 ވަނަ ހަމައިގެ (2) ވަނަ ނަންބަރު، 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރު އަދި 5 ވަނަ ހަމައިގެ (1) ވަނަ ނަންބަރާއި ޚިލާފް ކޮންޓެންޓް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ބްރޯޑްކާސްޓްކޮށްވާތީ، ޗެނަލް 13ގެ ޕްރޮގްރާމްތައް ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،
22 މެއި 2023 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ކަނޑުފޭރޭ ޗޯރު” “ފެލާލައިފި” “ލުޓޭރު އިބުރޭ” (ލަވަތައް) ހިމެނޭ ކޮންޓެންޓްގައި، މުޖުތަމަޢުގެ އަދަބު އަޙްލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި، އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނޭ ކޮންޓެންޓް އާންމުކޮށް ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދު ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށާއި،
22 މެއި 2023 ވަނަ ދުވަހުގެ ރޭ 20:52 އިން 21:02 އަށް މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި “ކަނޑުފޭރޭ ޗޯރު” “ފެލާލައިފި” “ލުޓޭރު އިބުރޭ” ލަވަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ ވަޒީރުންގެ ފޮޓޯ ބޭނުންކޮށް، އެފަރާތްތަކާއި ބެހޭގޮތުން ސާބިތުނުހިފޭ މައުލޫމާތު ގެނެސްދީފައިވާތީ، މި ރިޕޯޓްގެ 3.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮންޓެންޓް، ޙަވާލާދީފައިވާ ލަވަތަކުން އުނިކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން މީޑީއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް އަންގައި، އެފަދަ ކަމެއް ތަކުރާރުނުކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
22 އޮގަސްޓް 2023