ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2023)

September 17, 2023

ޝަކުވާ ނަމްބަރު: IMCAC-04/2023

ޝަކުވާ ހުށަހެޅި ތާރީޚް: 05 ޖޫން 2023

ހުލާސާ: މިއީ، ކޮމިޝަންގެ މޮނިޓަރިންގ ސެކްޝަނުން ބެލިބެލުމުގައި ބައިސްކޯފް އެޕްގައި ރާއްޖޭގެ ޗެނަލްތައް ހުރިކަމާއި، ކޮންމެ ޓިވީ ޗެނަލެއް ވަކިވަކިން ބެލުމުން ކޮންމެ ޗެނަލެއް ރިއަލްޓައިމްގައި ރީބްރޯޑްކާސްޓްކުރާކަން ފާހަގަކުރެވިފައިވާތީ، ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލަމުންދިޔަ މައްސަލައެކެވެ.

ނިންމި ގޮތް:  ކޮމިޝަންގެ މޮނިޓަރިންގ ސެކްޝަނުން ބެލިބެލުމުގައި ބައިސްކޯފް އެޕްގައި ރާއްޖޭގެ ޗެނަލްތައް ހުރިކަމާއި، ކޮންމެ ޓީވީ ޗެނަލެއް ވަކިވަކިން ބެލުމުން ކޮންމެ ޗެނަލެއް ރިއަލްޓައިމްގައި ރީބްރޯޑްކާސްޓްކުރާކަން ފާހަގަކުރެވިފައިވާތީ، ކޮމިޝަންގެ އިސްނެގުމުގެ މަތީން ބަލައިފައިވާ ކޮމިޝަންގެ ނަންބަރު IMCAC-04/2023 މައްސަލައިގައި،

ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑްގެ “ބައިސްކޯފް” އަށް ޖަވާބުދާރިވުމަށް ދިން ފުރުޞަތުގައި އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑްގެ “ބައިސްކޯފް” އިން މުއްދަތުގައި މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ، 27 އޮގަސްޓް 2023ގައި ކޮމިޝަންގައި އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް/ ބައިސްކޯފުގެ އިސްފަރާތްތަކާއި އެކު މައުލޫމާތު ސާފުކުރުމަށް ބައްދަލުވުމެއް ބާއްވާފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްގީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް/ބައިސްކޯފަކީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި،

ރީބްރޯޑްކާސްޓްކުރާ ޗެނަލްތައް “ބައިސްކޯފު” އެޕްމެދުވެރިކޮށް ދެއްކުން ވަގުތުން ހުއްޓާލުމަށް ކޮމިޝަންގެ ނަންބަރު 427/PRIV/2023/103 (20 އެޕްރީލް 2023) ސިޓީން އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް އަށް އަންގާފައިވާކަމާއި،

ކޮމިޝަނުން އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް/ބައިސްކޯފާއެކު ބޭއްވި ބައްދަލުވުމުގައި ” ބައިސްކޯފު ސްޓްރީމް ކުރާތާ ފަސް އަހަރު ވެފައިވާކަމަށް ކުންފުނީގެ ބަހުން އެނގެން އޮތަތީއާ، ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް، ދިވެހިރާއްޖޭގައި ހިންގާ 10 (ދިހައެއް) ބްރޯޑްކާސްޓިން ޗެނަލް ރީބްރޯޑްކާސްޓްކުރާކަން މައްސަލައިގެ ތަޙްޤީޤަށް ސާބިތު ވެފައިވާތީ،

އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް/ބައިސްކޯފު، ގަވާއިދު ނަންބަރު 2022/R-1 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި،

ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް، ރީބްރޯޑްކާސްޓްކުރާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށް މައްސަލަ ރައްދުވާ އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑަށް އަންގައި،

މިއީ އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދީގެން ކޮމިޝަނުން ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމުގައިވާތީ،

ގަވާއިދު ނަންބަރު 2022/R-1 (ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު) ގެ 5 ވަނަ މާއްދާގެ (ބ) އަދި އެ ގަވާއިދުގެ ޖަދުވަލު 2 ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތީން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދީފައިވާ ކޮންމެ ދުވަހަކަށް
-/2000 (ދެހާސް ރުފިޔާ) އަށްވުރެއް ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޙްތިޔާރު ކޮމިޝަނަށް ލިބިދީފައިވާތީ 05  ޖޫން 2023 ވަނަ ދުވަހުން ފެށިގެން 14 ސެޕްޓެންބަރު 2023 ވަނަ ދުވަހާއި ދެމެދު ފާއިތުވެފައިވާ 102 (ސަތޭކަ ދޭއް)  ދުވަހަށް -/1000 (އެކެއް ހާސް) ރުފިޔާގެ މަގުން، އެކު ޖުމުލަ -/102000ރ (އެއްލައްކަ ދެ ހާސް) ރުފިޔާ އިން އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް ނިންމައި، ޖޫރިމަނާ ފައިސާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ކަމާގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާގޮތަށް ޢަމަލުކުރުމަށް އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ.

 

14 ސެޕްޓެންބަރު 2023