ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-06/2023)

September 21, 2023

ޝަކުވާ ނަމްބަރު: IMCAC-06/2023

ޝަކުވާ ހުށަހެޅި ތާރީޙް: 09 ސެޕްޓެންބަރު 2023

ހުލާސާ: މިއީ، “ވަގުތު ޓީވީ” ން 08 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8 ގެ ޚަބަރު ގަޑީގައި ބްރޯޑްކާސްޓްކުރި “މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މިއަދު ނިންމާލައިފި” އެ ސުރުޚީގެ ދަށުން ބްރޯޑްކާސްޓްކުރި ޚަބަރުގައި ރިޔާސީ އިންތިޙާބުގެ ކެންޕެއިންކުރުން މަނާ ގަޑީގައި ކެމްޕެއިނަށް މަގުފަހިވާގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ބެލެވޭތީ ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

ނިންމި ގޮތް:  “ވަގުތު ޓީވީ” ން 08 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:00 އިން 08:05 ގައި ބްރޯޑްކާސްޓްކުރި “މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މިއަދު ނިންމާލައިފި” ޚަބަރު” ގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ގަޑިއެއްގައި، އިންތިހާބީ ކެނޑިޑޭޓުންނަށް ތާއިދު ހޯދުމަށް ހިންގުނު ޚަރަކާތްތަކާއި ގުޅޭ ވީޑިއޯ އާއި ކެނޑިޑޭޓުންގެ ވާހަކަތައް  ބްރޯޑްކާސްޓްކޮށްފައިވާތީ، ބަލައިފައިވާ މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވެފައިނުވާތީ މައްސަލަ ބަލާފައިވަނީ އެފަރާތުގެ ބަސް ނުހިމަނައިކަމުގައި ވީނަމަވެސް،

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރަނީ، “އިންތިޚާބުގެ ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6:00 އާހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހައި ފަރާތްތަކުން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިޝްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ޚާއްޞަކުރަންވާނެއެވެ.”

ރިޔާސީ އިންތިޚާބު 2023 ގެ ވޯޓު ނެގުން އޮންނަ ދުވަހަކީ 2023 ސެޕްޓެމްބަރ 09 ވަނަ ދުވަސް ކަމުގައި އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވާފައިވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު ބްރޯޑްކާސްޓުކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓު ގެނެސްދިނުމުގެ ސުންގަޑި އަކީ 2023 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ހަވީރު 6:00 އާހަމައަށް، ކަން އެނގެން އޮވެއެވެ.

ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ވަގުތު ޓީވީ” ން 08 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:00 އިން 08:05 ގައި ބްރޯޑްކާސްޓްކުރި “މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މިއަދު ނިންމާލައިފި” ޚަބަރު” ގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ގަޑިއެއްގައި، އިންތިހާބީ ކެނޑިޑޭޓުންނަށް ތާއިދު ހޯދުމަށް ހިންގުނު ޚަރަކާތްތަކާއި ގުޅޭ ވީޑިއޯ އާއި ކެނޑިޑޭޓުންގެ ވާހަކަތައް ބްރޯޑްކާސްޓްކޮށްފައިވާތީ، ބަޔާންކުރެވުނު ކޮންޓެންޓު އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން ގެ 3 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި؛

މިއީ، ޙަވާލާދެވުނު ގައިޑްލައިގެ 3ވަނަ މާއްދާގެ (ހ) އާ ޚިލާފް ކޮންޓެންޓެއް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ވަގުތު ޓީވީ” އިން ބްރޯޑްކާސްޓްކޮށް، ޙަވާލާދީފައިވާ މާއްދާއާއި ޚިލާފްވި ފުރަތަމަ ފަހަރުކަމުގައި ވާތީ، “ވަގުތު ޓީވީ” ން އިންތިޚާބުގެ ދުވަސްވަރު ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގައި، “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” އާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ކޮންޓެންޓް ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

 

19 ސެޕްޓެންބަރު 2023