July 3, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018
ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން މ. ދިއްގަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން މ. ދިއްގަރުގައި، ލައިސަންސްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛
މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއާއެކު، ހިމަނާފައިވާ މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ސިޓީގައި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް މ. ދިއްގަރުގައި ދިނުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއެކު އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާކަމާއި، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަކީ ބިޒްނަސް ޕާރޓްނަރުންކަމުގައި ބަޔާންކޮށްފައިވާތީ އާއި؛
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މ. ދިއްގަރުގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން މީޑިއާނެޓްގެ ޑީކޯޑަރ ބޭނުންކޮށްގެން ކަމަށް މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާތީ އާއި؛
މީޑީއާނެޓް ޕްރައިވެޓް ލިމިޓެޑަކީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ކޮމިޝަނުން ލައިސަންސް ދީފައިވާ ފަރާތެއް ކަމަށްވާތީއާ، މީޑިއާނެޓްގެ ހިޓްސް ޕެކޭޖަކީ މުޅިރާއްޖެއަށް ޚިދުމަތް ދިނުމަށް ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަކަށްވާތީ؛
ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން މ. ދިއްގަރުގައި ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ “ހިޓްސް ޕެކޭޖް” ގެ ޚިދުމަތް ފޯރުވައިދިނުން ކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
03 ޖުލައި 2018