ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-17/2018)

October 28, 2018

ޝަކުވާ ނަންބަރު: IMCAC-17/2018

ޝަކުވާ ހުށަހެޅި ތާރީޙް: 09 މެއި 2018

ހުލާސާ: މިއީ، ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް ދައްކަމުންދާ ކަމަށާއި، އެ މެޗުތައް ދައްކަނީ ކޮން ޗެނަލެއް މެދުވެރިކޮށް ކަން އެނގެން ނެތްކަމަށާއި، އެއީ ދިރާގުޓީވީ އިން އަމިއްލަ ޗެނަލަކުން ބްރޯޑްކާސްޓްކުރަނީ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:

ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް ދައްކަމުންދާ ކަމަށާއި، އެ މެޗުތައް ދައްކަނީ ކޮން ޗެނަލެއް މެދުވެރިކޮށް ކަން އެނގެން ނެތްކަމަށާއި، އެއީ ދިރާގުޓީވީ އިން އަމިއްލަ ޗެނަލަކުން ބްރޯޑްކާސްޓްކުރަނީ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ދީފައިވާކަމާއި؛

މިގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުތަކުގައި، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ފޮނުވާފައިވާ ސިޓީތަކަށް ނަޒަރުކުރާއިރު؛ ޔަޕް ޓީވީ ޗެނަލް ރީބްރޯޑްކާސްޓްކޮށްފައިވަނީ ޔަޕްޓީވީ ޔޫ.އެސް.އޭ އާއި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާ ދެމެދު 7 އޭޕްރީލް 2018 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަލިބިގެންކަމުގައި ބަޔާންކޮށް، ޔަޕްޓީވީ ޔޫ.އެސް.އޭ އިން ދީފައިވާ ލިޔެކިޔުންތައް ކޮމިޝަނަށް ހުށަހަޅައިފައިވާކަމާއި، “ޔަޕް ޓީވީ ޔޫ.އެސް.އޭ” ގެ ފީޑް ރިސީވް ކުރިއިރު ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޗެނަލްގެ ލޯގޯ ފީޑްގައި ނުހުންނާތީ، ޗެނަލް ފާހަގަކުރުމަށް ޗެނަލަށް ވަކި ގޮޅިއެއް (ޗެނަލް ނަންބަރު 108) ޚާއްސަކޮށް ޔަޕްޓީވީ ޔޫ.އެސް.އޭގެ ހުއްދައާއެކު، ޔަޕްޓީވީގެ ލޯގޯ ލުމަށްފަހު އެ ޗެނަލް ދޫކުރަމުން ދިޔައީ އެ ޗެނަލަށް އެއްވެސް ބަދަލެއް ނުގެނެސް، ކޮންޓެންޓް ރިސީވްވާ ގޮތަށްކަމަށާއި، 27 އެޕްރީލް 2018 ގެ ފަހުން ލޯގޯގެ މައްސަލަ ޙައްލުވެ، ޔަޕް ޓީވީ އިން ވަނީ ލޯގޯ ހިމަނައިގެން ފީޑް ފޮނުވާފައިކަމަށާއި؛

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަށް ފެށިފަހުން މިއަދާ ހަމައަށް ކަސްޓަމަރުންނަށް ވިއްކަމުން ދަނީ ހަމައެކަނި އިންޓްރޯ ޕްކޭޖް ކަމަށާއި، ޚިދުމަތުގައި ހިމަނާފައިވަނީ 95 (ނުވަދިހަ ފަހެއް) ޗެނަލްކަމަށް ބަޔާންކޮށްފައިވާތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަކީ، 30 ޖަނަވަރީ 2013 ގައި މުޅިރާއްޖެ އަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވާ ފަރާތެއްކަމާއި، ކޮމިޝަނުން 20 ޖަނަވަރީ 2015 ގައި 10 (ދިހައެއް) ޗެނަލްގެ މައްޗަށް ހިމެނޭ “ބޭސިކް ޕެކޭޖް” އަދި 27 އެޕްރީލް 2017 ގައި “އިންޓްރޯ” ޕެކޭޖް ފާސްކޮށްދީފައިވާކަމާއި، 9 މެއި 2018 ގެ ނިޔަލަށް އުނި/އިތުރުކުރުން ހިމެނޭނެހެން “އިންޓްރޯ” ޕެކޭޖްގައި ހިމެނުމަށް ކޮމިޝަނުން ފާސްކޮށްދީފައިވަނީ 84 (އަށްޑިހަ ހަތަރެއް) ޗެނަލް ކަމާއި؛

ކޮމިޝަނުން 9 މެއި 2018 ގެ ނިޔަލަށް ފާސްކޮށްދީފައިވާ “އިންޓްރޯ ޕެކޭޖް” އާއި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ “އިންޓްރޯ ޕެކޭޖް” ގައި ވެސް ތަފާތުތަކެއް ހުރިކަން ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ؛

ކޮމިޝަނުން 9 މެއި 2018 ގެ ނިޔަލަށް ފާސްކޮށްދީފައިވާ “އިންޓްރޯ ޕެކޭޖް” އަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ކޮމިޝަނަށް އެންގުމަކާ ނުލައި އުނި/އިތުރު ގެނެސްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖަކަށް އުނި/އިތުރެއް ގެންނަނަމަ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާ (ޗެނަލް ޕެކޭޖު) އާ އެއްގޮތަށް ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް ނަސޭޙަތްތެރިވުމަށާއި؛

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމެނޭ “އިންޓްރޯ” ޕެކޭޖުގައި ހިމަނައިގެން 7 އެޕްރީލް 2018 އިން 27 މެއި 2018 އިގެ ނިޔަލަށް ދައްކާފައިވާ “ޔަޕް ޓީވީ” ގެ ޚިދުމަތް، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް 7 އެޕްރީލް 2018 ގައި ފަށާފައިވަނީ ލޯގޯއެއް ނެތިކަން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުގެ އަމިއްލަ އިޢުތިރާފުން ސާބިތުވާތީ އާއި، އޭގެ އަސްލަށް ބަލާއިރު، “ޔަޕް ޓީވީ” އަކީ ޗެނަލަކަށްވުރެ ބޮޑަށް “ޑިޖިޓަލް ލައިބްރަރީ” އެއްގެ ގޮތުގައި ބެލެވޭ ޚިދުމަތެއްކަމުގައިވާތީ އާއި، “ޔަޕް ޓީވީ” ގެ ޚިދުމަތް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ “ޗެނަލް” ގެ މާނައިގައި ހިމެނޭ ފަދަ ކޮންޓެންޓެއްގެ ގޮތުގައި ނޫންކަން ކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާއާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާ ޗެނަލްތަކަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަކި ސްޓޭޝަނެއްގެ އައިޑެންޓިފިކޭޝަންގެ ދަށުން ފޮނުވޭ ޗެނަލެއްކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް ނަސޭޙަތްތެރިވުމަށާއި؛

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ 14 (ސާދަ) ޗެނަލް ހިމަނައިގެން “އިންޓްރޯ ޕެކޭޖް” ގެ ޚިދުމަތް ދީފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޚިލާފްވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ (ދެ ހާސް ރުފިޔާ) މަގުން 14 (ސާދަ) ޗެނަލަށް، ޖުމްލަ 28,000ރ (އަށާވީސް ހާސް ރުފިޔާ) އިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

ތިރީގައިވާ ލިސްޓްގައިވާ ގޮތަށް، ޖޫރިމަނާ ފައިސާއަށްވާ އެކުޖުމްލަ 28,000ރ (އަށާވީސް ހާސް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި، ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަށް އުނިއިތުރުގެންނަމަ، އެ ކަން ކޮމިޝަނަށް އެންގުމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި،  ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

# ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތި ދައްކާފައިވާ ޗެނަލްގެ ނަން މާއްދާ ޖޫރިމަނާގެ ޢަދަދު
1 ޓެން 3 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
2 ކަލަރސް އިންފިނިޓީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
3 ބޭބީ ފަސްޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
4 ސިނަމާ ވޯލްޑް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
5 ރާއި އިޓަލިއާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
6 ޗެނަލް 1 ބަންގްލާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
7 ކަލައިގްނަރ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
8 އަލް ސުންނާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
9 އަލް ޤުރުއާން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
10 ހިދާޔަތް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
11 ޕީސް ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
12 ސީ.ސީ.ޓީ.ވީ 2 ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
13 އަލް އެމްރާޓް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
14 ދުބާއި ޓީވީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 2 2,000ރ (ދެ ހާސް ރުފިޔާ)
ޖުމްލަ  28,000ރ (އަށާވީސް ހާސް ރުފިޔާ)

__________________

22 އޮކްޓޫބަރު 2018