ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-21/2017)

March 27, 2018

ޝަކުވާ ނަންބަރު: IMCAC-21/2017

ޝަކުވާ ހުށަހެޅި ތާރީޙް: 29  ނޮވެންބަރު 2017

ހުލާސާ: މިއީ، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމާއި، ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމާއި، ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ބެލި މި މައްސަލައިގައި، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުތަކެއް ދީފައިވާކަމާއި، މިގޮތުން؛

މައްސަލައަށް ޖަވާބުދާރީވެ، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑްގެ ނެޓްވާރކުން ޓީވީ ޚިދުމަތް ނައިފަރުގައި ދެނީ ނޯތްޒޯން ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ލިބިފައިވާ ޗެނަލްތަކެއްކަމާއި، އެއީ މީޑިއާ ނެޓް ހިޓްސް ޕެކޭޖުގެ ދަށުން މުޅި ރާއްޖެއަށް ދޫކުރުމަށް ހުއްދަ ލިބިފައިވާ ޗެނަލްތަކެއް ކަމަށްވާތީ އާއި، އެ ޗެނަލްތައް ދެއްކުމަށް ނޯތްޒޯން ޕްރައިވެޓް ލިމިޓެޑާއި މީޑިއާނެޓާއި ކުރެވިފައިވާ އެގްރިމަންޓްގެ ކޮޕީއެއް 31 އޮކްޓޫބަރު 2017 ގައި ކޮމިޝަނަށް ހުށަހަޅައިފައިވާތީ އާއި؛

ނޯތްޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ދައްކަމުންދަނީ މީޑިއާ ނެޓްގެ ހިޓްސް ޕެކޭޖުކަން ޅ.ނައިފަރު ކައުންސިލުގެ އިދާރާއިން ކަށަވަރުކޮށްދީފައިވާތީ، ނޯތްޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ނެތް ޗެނަލް ހިމަނާފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުނުވާކަމުގައި ކަނޑައަޅައި؛

އެހެން ނަމަވެސް، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ޑީކޯޑަރެއް ވިއްކާ އަގަކީ 1,000ރ (އެއް ހާސް ރުފިޔާ) ކަމަށް ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން އިޢުތިރާފްވެފައިވާތީ އާއި، އެ ކަން ޅ.ނައިފަރު ކައުންސިލުގެ އިދާރާއިން ވެސް ކަށަވަރުކޮށްދީފައިވާތީ، ކޮމިޝަނުން ފާސްކުރުމެއް ނެތި ނޯތްޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ.ނައިފަރުގައި  ޑިކޯޑަރު ވިއްކަމުން ދާކަން ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާތީ، ގަވާއިދު ނަންބަރު ނަންބަރު 2012/R-20 )ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު( ގެ 32 ވަނަ މާއްދާގެ (ހ) އާ ނޯތްޒޯން ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ޚިދުމަތަކަށް ނަގާފައިވާތީ 2,000ރ (ދެ ހާސް ރުފިޔާ) އިން ނޯތްޒޯން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށާއި؛

މިފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމޝަނަށް ދެއްކުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް ނޯތްޒޯން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

20 މާރިޗް 2018