March 1, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 13 ޑިސެންބަރު 2017
ހުލާސާ: މިއީ، 8 ޑިސެންބަރު 2017 ގެ 22:02-22:05 އަށް ވީ.ޓީ.ވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ވީ.ޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ޖަވާބުދާރިވުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދީފައިވާކަމާއި، މިގޮތުން؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/435 (27 ޑިސެންބަރު 2017) ސިޓީން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގައި، އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު VTV.ADM.2017.038 (28 ޑިސެންބަރު 2017) ސިޓީން ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާތީ، ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2018/8 (09 ޖަނަވަރީ 2018) ސިޓީން އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު 1 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމާއި؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2017/435 (27 ޑިސެންބަރު 2017) ސިޓީއާ ޙަވާލާދީ އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވެ ފޮނުވި ނަންބަރު VTV.ADM.2018.004 (25 ޖަނަވަރީ 2018) ސިޓީގައި، 08 ޑިސެންބަރު 2017 ދުވަހުގެ ރޭ ވީ.ޓީ.ވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި 22:02 އިން 22:05 އަށް ގެނެސްދިން ކޮންޓެންޓް ގެނެސްދިނުމުގައި، ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ 2 ވަނަ ނަންބަރާ ވީ.ޓީ.ވީ އިން ޚިލާފްވެފައިނުވާނެކަމާއި، އެ ކޮންޓެންޓްގައި މީހެއްގެ އަބުރާބެހުމުގެ އެއްވެސް ބަހެއް ހިމެނިފައިނުވާނެކަމާއި، މީހެއްގެ އަބުރާ ބެހުމުގެ އެއްވެސް ޢަމަލެއް ހިމެނިފައިނުވާނެކަމާއި، އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނިފައިނުވާނެ ކަމާއި، މައްސަލައާ ގުޅޭ ކޮންޓެންޓުގައި ވާކަމަށް ބުނެ، ފޮނުވި ކޮމިޝަނުގެ ސިޓީގައިވާ ތާވަލުގައިވާ ޢިބާރާތްތަކުގެތެރެއިން، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ 2 ވަނަ ހަމައިގެ 2 ވަނަ ނަންބަރާ ޚިލާފުވި ޢިބާރާތް ނުވަތަ ލަފުޒަކީ ކޮބައިކަން ވިދާޅުވެފައިނުވާތީ، އެ ކަމަށް ޖަވާބެއް ދިނުމަކީ މުސްތަހީލުކަމެއްކަމަށާއި، މި މާއްދާތަކާ ޚިލާފުވި ކަމަށް ކޮމިޝަނުން ތުހުމަތުކުރައްވާއިރު، އެ ޤާނޫނުގެ 4 ވަނަ ބާބުގައި ގިނަ ދިފާޢުތައް ހިމެނޭއިރު، އެއިން ދިފާޢެއްގެ ބޭނުން އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކުރެވޭނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ 2 ވަނަ ހަމައިގެ 2 ވަނަ ނަންބަރާ ޚިލާފު ޢިބާރާތެއް ނުވަތަ ލަފުޒެއްކަމަށް ކޮމިޝަނުން އެ ފަރާތަށް އަންގަވާ ދެއްވުމުން ކަމަށް ބަޔާންކޮށްފައިވާތީ؛
ކޮމިޝަންގެ 427-LCM/PRIV/2018/17 (01 ފެބުރުވަރީ 2018) ސިޓީން، 8 ޑިސެންބަރު 2017 ދުވަހުގެ ރޭ ވީ.ޓީ.ވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގެ 22:02 އިން 22:05 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ ޓްރާންސްކްރިޕްޓްގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފްވާކަމަށް ބެލެވޭ އިބާރާތާއި ލަފްޒުތައް ފާހަގަކޮށް، އަދި މިއީ މި މައްސަލައިގައި ޖަވާބުދާރީވުމަށް ދެވޭ ފަހު ފުރުސަތުކަމާއި، 14 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވުމަށާއި، މި މުއްދަތުގައި ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅައިފައިނުވާނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލާ ނިންމާނެ ކަން އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމާއި؛
ކޮމިޝަންގެ ނަންބަރު 427-LCM/PRIV/2018/17 (01 ފެބްރުވަރީ 2018) ސިޓީއާ ޙަވާލާދީ އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ފޮނުވި ނަންބަރު VTV.ADM.2018.007 (13 ފެބްރުވަރީ 2018) ސިޓީގައި ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވުމަށް ދީފައިވާ ފުރުސަތު 28 ފެބްރުއަރީ 2018 އަށް އިތުރުކޮށްދެއްވުމަށް އެދިފައިވީ ނަމަވެސް؛
ކޮމިޝަނުގެ ނަންބަރު ކޮމިޝަންގެ 427-LCM/PRIV/2018/17 (01 ފެބުރުވަރީ 2018) ސިޓީއަކީ ޖަވާބުދާރީވުމަށް ދެވުނު ތިން ވަނަ ފުރުސަތުކަމުގައި ވުމާއި، ޙަވާލާދީފައިވާ ކޮމިޝަންގެ ސިޓީގައި މިއީ މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދެވޭ ފަހު ފުރުސަތުކަމާއި، 14 ފެބުރުވަރީ 2018 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވުމަށާއި، މި މުއްދަތުގައި ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅައިފައިނުވާނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލާ ނިންމާނެ ކަން އަންގާފައިވާތީ،
ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 08 ޑިސެންބަރު 2017 ވަނަ ދުވަހުގެ ރޭ 22:02 ން 22:05 އަށް ވީ.ޓީ.ވީ އިން ލައިވްކުރަމުން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތުކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ފެނުނު ހިނދު؛
އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީވެ ފޮނުވި ނަންބަރު VTV.ADM.2018.004 (25 ޖަނަވަރީ 2018) ސިޓީގައި، 08 ޑިސެންބަރު 2017 ވަނަ ދުވަހުގެ ރޭ 22:02 ން 22:05 އަށް ވީ.ޓީ.ވީ އިން ލައިވްވުރި ކޮންޓެންޓުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ 2 ވަނަ ނަންބަރާ ވީ.ޓީ.ވީން ޚިލާފްވެފައިނުވާނެކަމާއި، އެ ކޮންޓެންޓްގައި މީހެއްގެ އަބުރާބެހުމުގެ އެއްވެސް ބަހެއް ހިމެނިފައިނުވާނެކަމާއި، މީހެއްގެ އަބުރާ ބެހުމުގެ އެއްވެސް ޢަމަލެއް ހިމެނިފައިނުވާނެކަމާއި، އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ހިމެނިފައިނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް؛
08 ޑިސެންބަރު 2017 ދުވަހުގެ ރޭ ވީ.ޓީ.ވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ”ގެ 22:02 އިން 22:05 އަށް ގެނެސްދިން ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާ (އަބުރާ ބެހުމުގެ ބަހާއި ޢަމަލު) ގެ (ހ) ގެ 1 ވަނަ ނަންބަރާއި އަދި އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ؛
މި ކޮންޓެންޓަކީ، އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަދި އެ މާއްދާގެ (ބ) އާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛
އަދި، މި ކޮންޓެންޓް އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަގުތުން މެދުކަނޑާނުލާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކޮށްފައިވާތީ އާއި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޓީވީ ޗެނަލް “ވީ.ޓީ.ވީ” ޚިލާފްވާ ފުރަތަމަ ފަހަރު ކަމަށްވާތީ؛ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑް 000,200ރ (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، އަދި؛
މި ކޮންޓެންޓް ގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (2) ވަނަ ނަންބަރު (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) އާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިފަދަ ލައިވް އިވެންޓްތައް ފޮނުވުމުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އެންގުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 12 މާރިޗު 2018 ވާ ހޯމަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 10:00 އާ ދެމެދު ވީ.ޓީ.ވީ އިން ޢާންމުކުރުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
27 ފެބުރުވަރީ 2018