March 1, 2018
ޝަކުވާ ހުށަހެޅި ތާރީޙް: 26 ޑިސެންބަރު 2017
ހުލާސާ: މިއީ، 8 ޑިސެންބަރު 2017 ގެ 22:02-22:05 އަށް ވީ.އެފް.އެމް އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ވީ.އެފް.އެމް އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި؛
ކޮމިޝަންގެ 427-LCM/PRIV/2018/10 (09 ޖަނަވަރީ 2018) ސިޓީން ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު، 23 ޖަނަވަރީ 2018 ގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ރޭޑިއޯ ޗެނަލް ވީ.އެފް.އެމް އިން ޖަވާބުދާރީވެފައިނުވާތީ އާއި، ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ލިޔުމުން އެދިފައިނުވާތީ؛
ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 8 ޑިސެންބަރު 2017 ވަނަ ދުވަހުގެ ރޭ 22:02 ން 22:05 އަށް ވީ.އެފް.އެމް އިން ލައިވްކުރަމުން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތުކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ފެނުނު ހިނދު؛
މި ކޮންޓެންޓަކީ، ޤާނޫނު ނަންބަރު 2016/15 (އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަދި އެ މާއްދާގެ (ބ) އާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛
އަދި، މި ކޮންޓެންޓް އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަގުތުން މެދުކަނޑާނުލާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓްކޮށްފައިވާތީ އާއި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ރޭޑިއޯ ޗެނަލް “ވީ.އެފް.އެމް” ޚިލާފްވާ ފުރަތަމަ ފަހަރު ކަމަށްވާތީ؛ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވްޓް ލިމިޓެޑް 000,200ރ (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއ، އަދި؛
މި ކޮންޓެންޓް ގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (2) ވަނަ ނަންބަރު (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) އާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛
މިއީ ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިފަދަ ލައިވް އިވެންޓްތައް ފޮނުވުމުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އެންގުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 12 މާރިޗު 2018 ވާ ހޯމަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 10:00 އާ ދެމެދު ވީ.އެފް.އެމް އިން ޢާންމުކުރުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.
27 ފެބުރުވަރީ 2018