ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-24/2017)

March 29, 2018

ޝަކުވާ ނަމްބަރު: IMCAC-24/2017

ޝަކުވާ ހުށަހެޅި ތާރީޙް: 26 ޑިސެންބަރު 2017

ހުލާސާ: މިއީ، 8 ޑިސެންބަރު 2017 ދުވަހުގެ ރޭ 22:02 އިން 22:05 އަށް ސަންގު ޓީވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ސަންގު ޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި، މިގޮތުން؛

ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަޙީދު، 8 ފެބުރުވަރީ 2018 ގައި  ކޮމިޝަނަށް ހާޒިރުވެ މި މައްސަލައާ ގުޅިގެން ދެއްވި ބަޔާނުގައި، އަބުރު ރައްކާތެރިކޮށްދިނުމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 އަދި (ބ) އާއި ޚިލާފު ކޮންޓެންޓު ބްރޯޑްކާސްޓްކޮށްފައި ނުވާނެކަމާއި ވަގުތުން ގެނެސްދިން އިވެންޓެއްގައި ޤާނޫނުގެ ހަމަތަކާއި ތައާރަޒްވާ ކޮންޓެންޓެއް ހިމެނިއްޖެނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ވާނެކަމަށް ބަޔާންކޮށްފައިވާތީ އަދި އެކަން ފާހަގަވުމާއެކު ސްޓޭޝަންގެ އަމިއްލަ ނިންމުމުގެ މަތިން ވަގުތުން ބްރޯޑްކާސްޓިން މެދުކަނޑާލާފައި ވާނެކަމަށް ވިދާޅުވެފައި ވީނަމަވެސް، ސަންގު ޓީވީގެ ލައިވް ކޮންޓެންޓް މެދުކަނޑާލާފައިވަނީ މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމަށްފަހު ކަމަށްވާތީ އާއި؛

ބްރޯޑްކާސްޓްކުރުމުގެ ހަމަތަކަށް ނުފެތޭ ބަހަކަށް ބޭނުންކޮށްފައިވާ ބަހަކީ ޖުމްލަ ރައްޔިތުންނަށް އައުގުރާނައެއް ކަމުގައި ވީނަމަވެސް، މިއީ ތ. އަތޮޅަށް ނިސްބަތްވާ ބޭފުޅުންގެ އަނގަމަތީ ބަހެއްގެ ގޮތުގައި ބޭނުންކުރާ ބަހެއްކަމަށް އެރަށުގެ ބޭފުޅުންނާ ޙަވާލާދީ ވިދާޅުވެފައިވާކަމާއި، ތ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބޮޑު އޯޑިއަންސެއްގައި އެބޭފުޅާގެ ދާއިރާގެ ރައްޔިތުންވެސް ތިބި ތަނެއްގައި އެ ވިސްނުމުގައި އައުގުރާނެއް ގޮވާފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އެމީހުންނަށްވެސް ފަހުމްވާ މޭރުމަކުން މީ ވަރަށް ހަޑިހުތުރުކަމެކޭ ބުނަންވެގެން، ބުނި ބަހެއްކަމަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަޙީދު ވިދާޅުވެފައި ވީނަމަވެސް، މި މައްސަލައާ ގުޅޭ ކޮންޓެންޓުގައި ބްރޯޑްކާސްޓްކޮށްފައިވާ ބަހަކީ މީހުންނާ ދިމާއަށް ރުޅިއައިސްގެންބުނާ ހުތުރު ބަސްތަކުގެ ތެރޭން އެންމެ ނުބައި އެއްބަސްކަން ދިވެހިބަހުގެ އެކަޑަމީން އާއްމުކޮށް ޝާއިޢުކޮށްފައިވާ ދިވެހި ބަހުގެ ރަދީފުން އެނގެން އޮތަތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު؛

  1. 08 ޑިސެންބަރު 2017 ވަނަ ދުވަހުގެ ރޭ 22:02 ން 22:05 އަށް ސަންގު ޓީވީ އިން ލައިވްކުރަމުން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތުކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމްގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށާއި، މިއީ، އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަދި އެ މާއްދާގެ (ބ) އާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

އަދި، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޓީވީ ޗެނަލް “ސަންގު ޓީވީ” ޚިލާފްވާ ފުރަތަމަ ފަހަރު ކަމަށްވާތީއާއި ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޢަމަލުކުރުމަށް ސަންގު ޓީވީ އިން މަސައްކަތްކޮށްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ،  އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް 000,100ރ (އެއް ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށާއި، އަދި؛

  1. މައްސަލައާ ގުޅޭ ކޮންޓެންޓްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (2) ވަނަ ނަންބަރު (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) އާ ޚިލާފް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމުގައި ކަނޑައަޅައި؛

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މިފަދަ ލައިވް އިވެންޓްތައް ފޮނުވުމުގައި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 8 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 10:00 އާ ދެމެދު ސަންގު ޓީވީ އިން ޢާންމުކުރުމަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

27 ފެބުރުވަރީ 2018