December 28, 2022
ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021
ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފަށް ލައިސަންސް ނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީ) ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ރ. ވާދޫގައި ދޭކަމަށް ބުނެ ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ 23 ޖޫން 2021 ގައި ބަލަން ފެށުނު މައްސަލައެކެވެ.
ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް ލައިސަންސް ނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ރ. ވާދޫގައި ދޭކަމަށްބުނެ ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ ބެލި ކޮމިޝަންގެ ނަންބަރު IMCAC-30/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީގެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދެވި އެ މުއްދަތުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި، މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަކީ ރ. ވާދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމަށް “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ކޮމިޝަނުން މިހާތަނަށް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި، މައްސަލައިގެ ތަޙުޤީގު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑުން ރ. ވާދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ނުވަތަ ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ނުދާކަމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތުދީފައިވާތީއާ، ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރ.ވާދޫގައި ދީފައިވާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
28 ޑިސެންބަރު 2022