December 28, 2022
ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021
ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފަށް ލައިސަންސްނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީ) ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ހދ.ނެއްލައިދޫގައި ދޭކަމަށް ބުނެ ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ 23 ޖޫން 2021 ގައި ބަލަން ފެށުނު މައްސަލައެކެވެ.
ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނެއްލައިދޫގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ޚިލާފަށް ލައިސަންސްނެތި އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީ) ޚިދުމަތް ދޭކަމަށް ބުނެ އެކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްދީފައިވާތީ ބެލި ކޮމިޝަންގެ ނަންބަރު IMCAC-32/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތުދެވި އެ މުއްދަތުގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް އިން މުއްދަތުގައި މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި، މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީގަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަކީ ހދ. ނެއްލައިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމަށް “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ކޮމިޝަނުން މިހާތަނަށް ދޫކޮށްފައިވާ ފަރާތެއްނޫންކަމާއި، މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ބަޑީސްނެޓްގެ ނަމުގައި ހދ. ނެއްލައިދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުންނުދާކަމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާއިން މައުލޫމާތުދީފައިވާތީއާ، ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހދ. ނެއްލައިދޫގައި ދީފައިވާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
28 ޑިސެންބަރު 2022