January 4, 2017
ޝަކުވާ ހުށެހެޅި ތާރީޙް: 26 ސެޕްޓެމްބަރު 2016
ހުލާސާ: މިއީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާ ގުޅޭގޮތުން 30 ޖުލައި 2016 ވަނަ ދުވަހު ރޭ 20:00 އިން 21:00އަށް ރާއްޖެ ޓީވީއިން ގެނެސްދިން ޚަބަރުގައި ޔަޒީދު މުޙައްމަދުގެ ބަހެއް ގެނެސްދީފައި ނުވާކަމަށް ފާހަގަ ކުރެވޭތީ އާއި ހަގީގަތާ ޚިލާފު މަޢުލޫމާތު ގެނެސްދީފައިވާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފާވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 36ވަނަ މާއްދާގެ (ހ)ގައި “ބްރޯޑްކާސްޓްކުރާ ފަރާތުން އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭ ގޮތަށް ގެނެސްދެވިއްޖެ ނަމަ، މި ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްތްކުރުމުގެ ސުލޫކީ މިންގަނޑުގައިވާ ގޮތުގެ މަތިން އެކުށް އިސްލާހުކޮށް އެކަމަށް މާފަށް އެދެން ޖެހޭނަމަ އެކަމަށް މަޢާފަށް އެދެންވާނެއެވެ.” މިހެން ބަޔާންކޮށްފައިވެއެވެ.
އަދި ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު: RTV/16/09/115 ސިޓީއާއެކު ފޮނުއްވި “ސަމާލުކަމަށް : މަޢުލޫމާތުގެ އޮޅުމެއް” ބަޔާނުގައި، 30 ޖުލައި 2016 ވަނަ ދުވަހު ރޭ 20:00 އިން 21:00 އަށް ރާއްޖެ ޓީވީއިން ގެނެސްދިން ޚަބަރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަށް ލިބިވަޑައިގެންނެވި ފްލެޓް ކުއްޔަށް ދިންކަމަށް ބުނެ ރާއްޖެ ޓީވީން ޚަބަރު ގެނެސްދީފައިވަނީ ރާއްޖެ ޓީވީއަށް މަޢުލޫމާތު ހިއްސާކުރެއްވި ބޭފުޅުންގެ މަޢުލޫމާތު ގޯސްވުމުން ކަމަށް ބަޔާންކޮށް ކުށް އިސްލާހުކޮށްފައި އޮތް ކަމުގައި ވީނަމަވެސް، މާފަށް އެދިފައި ނުވާކަން ކޮމިޝަނަށް ފާހަގަވެއެވެ.
ވީމާ، ކުރިމަގުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭ ގޮތަށް ކޮންޓެންޓެއް ގެނެސްދެވިއްޖެ ނަމަ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް، މައްސަލަ ނިންމާފައި.
4 ޖަނަވަރީ 2017