ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-5/2016)

April 6, 2017

ޝަކުވާ ނަމްބަރު: IMCAC-5/2016

ޝަކުވާ ހުށެހެޅި ތާރީޚު: 13 ޑިސެންބަރު 2016

ހުލާސާ: މިއީ، 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ  ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 1 އަދި 2 ގައި ބަޔާންކޮއްފައިވާ މިންވަރަށް އަބުރަށް އަރައި ގަނެފައިވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ހިނދު އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތީތީވެ، މިކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައެކެވެ.

ނިންމި ގޮތް: މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރުމުގައި ތަޙްޤީޤުކުރެވެމުންދާއިރު ލިބެންޖެހޭ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ދީފައިވާކަމާއި،

މައްސަލައިގެ ތަޙްޤީޤުގައި މައްސަލައިގައި ބަޔާންކޮށްފައިވާ ތުހުމަތާ ގުޅިގެން 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާ ރާއްޖެ ޓީވީން ލައިވްކޮށް ގެނެސް ދިނުމުގައި މައްސަލައާ ގުޅުންހުރި ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ކޮމިޝަންގެ މޮނިޓަރިންގ ސެކްޝަނަށް ފާހަގަކުރެވިފައިވުމުގެ އިތުރުން އެފަދަ ކޮންޓެންޓެއް ރާއްޖެޓީވީން ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު:RTV/17/02/15 ސިޓީއިން ރަސްމީކޮށް އިޢުތިރާފްވެފައިވާކަމާއި،

އަބުރަކީ އެބަހެއް ރައްދުވާ މީހާގެ ނުވަތަ ފަރާތުގެ މަސްލަހަތެއް ކަމަށް ވާހިނދު އެކި މީޑިއާތަކުން އެ މަނިކުފާނާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކާ ކަމާއި ރައީސް ޔާމީނުގެ ތަފާތު އެތައް ވާހަކަތަކެއް މުޖުތަމައުގައި ދައްކާއިރުވެސް އެ މަނިކުފާނަށް ކުރަމުން އައި އިހުތިރާމް ނުވަތަ ދެކެ އުޅޭ ގޮތަށް ހެޔޮ ނޫން ބަދަލެއް އައިކަމަށް ރާއްޖެ ޓީވީއަށް ޤަބޫލުނުކުރެވޭކަމަށް ރާއްޖެ ޓީވީގެ ނަންބަރު: RTV/17/02/15 ސިޓީން ފާހަގަކޮށްފައި ވީނަމަވެސް، އެއްވެސް ފަރާތެއްގެ ގަދަރަށް ނުވަތަ އިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަމެއް ލިބޭގޮތަށް ނުވަތަ ޤާނޫނު ނަމްބަރު 2016/15 (އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ހަމަތަކާ ޚިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ތުހުމުތުކުރެވިއްޖެ ހިނދެއްގައި، އަމިއްލަ އިސްނެގުމުގެ މަތީން ތަޙްޤީޤު ހިންގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޞާސް، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ  ޤާނޫނުގެ ހަވަނަ ބާބު (މީޑިއާތަކުގެ ޒިންމާ) އަށް ރިޢާޔަތްކޮށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދީފައިވާނޭކަމާއި،

އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ ފަދަ ކޮންޓެންޓެއް ލައިވްކުރުމުން ލައިވް ފީޑް ހުއްޓުމުގެ ޙައްޤު އަބުރާބެހެވުނު ފަރާތަށް ލިބިފައިވާއިރު ރައީސް ޢަބްދުﷲ ޔާމީން ނުވަތަ އެ މަނިކުފާނުގެ ފަރާތްޕުޅުން ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެކަމުގެ ޝަކުވާއެއް ނުވަތަ ދައުވާއެއް އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާއިރު ރާއްޖެ ޓީވީއަށް ވެސް އެފަދަ މައްސަލައެއް ހުށަހަޅާފައި ނެތްކަން އަދި އެ ޤާނޫނުގެ 36ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާގޮތުގައި އަމިއްލަ ފަރާތަކުން ނުވަތަ ފަރާތްތަކަކުން މި މާއްދާގައި ބުނާފަދަ ވަގުތުން ގެނެސްދޭ އިވެންޓެއްގައި އެފަރާތެއްގެ ނުވަތަ ފަރާތްތަކެއްގެ އަބުރާ ބެހެވިއްޖެކަމަށް ޝަކުވާ ހުށަހަޅައިފިނަމަ އަދި އެ ވަގުތަކު ބްރޯޑްކާސްޓްކުރަމުން ދިޔަ ވަގުތުން ގެނެސްދޭ އިވެންޓެއްގައި އެފަދަ ކޮންޓެންޓެއް ހިމެނިފައިވާނަމަ އެ އިވެންޓެއް ވަގުތުން ގެނެސްދިނުން މެދުކަނޑާލަންވާނެކަމަށް ބުނެފައިވާ ހިނދު މި ކޮންޓެންޓްގެ މައްސަލައިގައި ކޮމިޝަނުން ސްޓޭޝަނަށް ސިޓީ ފޮނުވުމުގެ ކުރިން އެއްވެސް ފަރާތަކުން މި ކޮންޓެންޓްގެ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމާއި އަދި އެ ޤާނޫނުގެ 36ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ޤާނޫނާ ޚިލާފު ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑެއް މެދު ކަނޑާލަން އެންގުމުގެ ބާރު ބްރޯޑްކާސްޓް ކޮމިޝަނަށް ލިބިގެންވާއިރު އެފަދަ އެންގުމެއް އަންގާފައި ނެތްކަމަށް ރާއްޖެ ޓީވީއިން މި މައްސަލައިގައި ޖަވާބުދާރީވެ ފޮނުވި ސިޓީގައި ބުނެފައި ވީ ނަމަވެސް، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި، “ބްރޯޑްކާސްޓް ކުރުމަށް ރާއްޖޭގައި އުފެއްދޭ ޕްރޮގުރާމްތައް ހުންނަންވާނީ މި ޤާނޫނުގައި ބަޔާންކޮއްފައިވާ ހަމަތަކަށް ފެތޭގޮތަށް ތައްޔާރުކުރެވިފައި” ކަމަށް ބަޔާންކޮށްފައި ވުމާއި، އަދި ކޮންޓެންޓްގެ ލައިވް ފީޑް މެދުކަނޑާލުމަށް އެދި ޝަކުވާއެއް ހުށަހަޅާފައި ނުވުމަކީ އެ ކޮންޓެންޓެއްގެ މައްސަލަ ފަހުން ނުބެލޭނޭ ޤާނޫނީ ހަމައެއް އޮތްކަމެއް ކަމަކަށް މި ކޮމިޝަނަށް ނުފެންނަކަމާއި،

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 27ވަނަ މާއްދާ ” ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން” ގެ ދަށުން ރާއްޖެ ޓީވީ އިން ގެނެސްދިން ލައިވް އިވެންޓްގައިވާ އަބުރު ރައްކާތެރިކޮއްދިނުމާއި ޚިޔާލު ފާޅުކުމުގެ މިނިވަންކަމުގެ ޤާނޫނުގެ މާއްދާތަކާއި ޚިލާފު ވެފައިވާ ކޮންޓެންޓަށް ޒިންމާވާން ޖެހޭނޭކަން ފާހަގަކުރަމެވެ.

ނިންމުން

ޙުކުމަކާއި ހަމައަށް ވާސިލްވުމުގައި ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ކޮމިޝަނުގެ މޮނިޓަރިންގ ސެކްޝަނުން ފާހަގަކޮށް ރާއްޖެޓީވީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު: RTV/17/02/15 (21 ފެބުރުވަރީ 2017) ސިޓީއިން ރަސްމީކޮށް އިޢުތިރާފްވެފައިވާތީއާއި ކޮންޓެންޓާއި ގުޅިގެން ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ތަބްރީރެއް ދެއްކުމަކީ ރާއްޖެޓީވީއަށް އެކަށީގެންވާކަމެއް ނޫންކަން އެނގެން އޮތަތީ، ރާއްޖެޓީވީއިން އެކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރުގެ ޤާނޫނީ ޛިންމާއަށް ނުވަތަ މަސްޢޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ޢާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް މިކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، އެ ކޮންޓެންޓްއަކީ ޤާނޫނު ނަމްބަރު 2016/15 (އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ އަދި ހަވަނަ ބާބު (މީޑިއާ ތަކުގެ ޒިންމާ) ގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލަފުވާ ކޮންޓެންޓްއެއްކަމަށް ކަނޑައަޅައި، އަދި މިއީ އެޤާނޫނުގައި ހުއްދަކުރާ އިންތަކާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ޚިލާފްވާ 2ވަނަ ފަހަރުކަމަށްވާތީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް -/1,000,000ރ. (އެއް މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމައި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމާފައި.

6 އެޕްރީލް 2017