ބްރޯޑްކާސްޓްކުރުމާ ގުޅޭ ތަޖުރިބާ ދަތުރެއްގައި ބްރޯޑްކޮމް އަދި ބްރޯޑްކާސްޓަރުން ހިމެނޭ ޓީމެއް އިންޑިއާއަށް ފުރައިފި

August 6, 2023

ބްރޯޑްކާސްޓިންގއާ ގުޅޭ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން އަދި ރާއްޖޭގެ ބައެއް ބްރޯޑްކަސްޓަރުން ހިމެނޭ ޓީމެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.

އޯގަސްޓް 6 – 12 އަށް އިންޑިއާގެ ނިއުދިއްލީއަށް ކުރާ މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި، އިންޑިއާގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ޕްރަސަރ ބަރާތީގެ ދަށުން ހިންގާ ނޭޝަނަލް އެކަޑަމީ އޮފް ބްރޯޑްކާސްޓިންގ އެންޑް މަލްޓިމީޑިއާއިން އިންތިޒާމުކުރާ ދަތުރެކެވެ.

ތަޖުރިބާ ހޯދުމުގެ މިދަތުރުގައި އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އާއި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރާއި ބްރޯޑްކާސްޓް ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި އިންޑިއާގެ ބްރޯޑްކާސްޓިންގ އަދި ރީބްރޯޑްކާސްޓިންގ ސިނާއަތުގެ އެންމެހާ ކަންތައްތައް ބަލައި ދެނެގަތުމަށާއި މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވުމަށް ނިއުދިއްލީގައި ހުންނަ ދޫރްދަރްޝަން ޓީވީ އާއި، އިންޑިއާގެ ބޮޑެތި ކޮމާރޝަލް ޓީވީތަކާއި ކޮމިއުނިޓީ ބްރޯޑްކާސްޓަރުންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތް ތައުލީމާއި ތަމްރީނު ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް މިފަދަ ފުރުސަތުތައް ފަހި ކުރުމަށް މަސައްކަތް ކުރުމަކީވެސް މި ދަތުރުގެ މައިގަނޑު އެއް މަޤްސަދެވެ.

ތަޖުރިބާ ހޯދުމުގެ މިދަތުރުގައި ބައިވެރިވަނީ ކޮމިޝަންގެ ތިން މެމްބަރުންނާއި، 12 މުވައްޒަފުންނާއި، ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުންނާއި، ރާއްޖެ ޓީވީ، ވީ.ޓީ.ވީ އަދި އެސް.އެސް. ޓީވީ ގެ ފަރާތުންނެވެ.

ތަޖުރިބާ ހޯދުމުގެ މިދަތުރުގައި ބައިވެރިވާ ޓީމް ފުރުމުގެ ކުރިން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނު މަހާވަރު ވަނީ އޯގަސްޓް 3 ވަނަ ދުވަހު މި ޓީމާ ބައްދަލުކުރައްވާ މިފަދަ ތަޖުރިބާ ދަތުރުތަކުގެ މުހިންމުކަން ބަޔާންކުރައްވައި މިފަދަ ދަތުރުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހޯދުމަށް އެދިވަޑައިގެންފައެވެ.