February 25, 2018
ސަރކިއުލަރ
ނަންބަރު : 427-LCM/CIR/2018/4
ރީބްރޯޑްކާސްޓްކުރުމުގެ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިދޭ ލިޔުމެއްގެ ގޮތުގައި ފަހުމުނާމާ ހުށަހަޅާ ފަރާތްތަކުގެ ސަމާލުކަމަށް
ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ވިއުގައިގައި ހިމަނާފައިވާ ޗެނަލްތައް ދެއްކުމުގެ ޙައްޤު އެފަރާތްތަކަށް ލިބިފައިވާ ކަމުގެ ލިޔުމެއްގެ ގޮތުގައި ޗެނަލްތައް ދޫކުރާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ ފަހުމުނާމާއެއް ކޮމިޝަނަށް ހުށަހަޅަމުންދާތީއާ، މިފަދަ ފަހުމުނާމާއަކީ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިދޭ ލިޔުމެއް ކަމަށް ބައެއް ރީބްރޯޑްކާސްޓަރުންނަށް އޮޅުން އަރާކަން މި ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ދަންނަވަމެވެ.
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) ގައި “ލައިސަންސަށް އެދޭ ފަރާތަކީ ރީބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިވާ ފަރާތަކަށްވުން” މިފަދައިން ބަޔާންކޮށްފައިވާކަމާއި، ގަވާއިދު ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާގައި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލެއް ފޮނުވަންވާނީ، ޗެނަލް ދޭ ފަރާތާއި ލައިސަންސް ލިބިފައިވާ ފާރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.” މިފަދައިން ބަޔާންކޮށްފައިވެއެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއެކު ޗެނަލްތައް ދެއްކުމުގެ ޙައްޤު ހޯދުމަށް ކުރެވޭ މުޢާމަލާތްތަކުގައި، ޗެނެލް ދޫކުރާ ފަރާތްތަކުން މި ކަމުގެ ފުރިހަމަ މަޢުލޫމާތު ޚިދުމަތް ދޭ ފަރާތްތަކަށް ދެއްވައި، ސޮއިކުރެވޭ ފަހުމުނާމާއަކީ ޗެނަލްތައް ދެއްކުމުގެ ޙައްޤު ލިބިދޭ ލިޔުމެއް ނޫންކަން، އެ ފަރާތްތަކަށް ސާފުވާނޭގޮތުގެ މަތީން އަމަލުކޮށްދެއްވުން އެދެމެވެ. އަދި ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިވާ ބޭރުގެ ޗެނެލްތަކުގެ ޑިސްޓްރިބިއުޝަން ރައިޓްސް އެހެން ރީބްރޯޑްކާސްޓަރަކަށް ދޭ ނަމަ، އެ ފަދައިން ދެވޭ ޗެނެލްތައް ސާފުވާނެހެން ބަޔާކޮށް އެ ކަން ކަށަވަރުކޮށްދޭ ލިޔުމެއް ޚިދުމަތް ދޭ ފަރާތްތަކަށް ލިބޭނޭ އިންތިޒާމްވެސް ހަމަޖެއްސުމަށް ދަންނަވަމެވެ.
ވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ޗެނެލް ދޫކުރާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް ޢާންމުކޮށް އަންގަމެވެ.
25 ފެބުރުވަރީ 2018