ލޯކަލް ކައުންސިލް އިންތިހާބުގެ ކަވަރޭޖު ގެނެސްދިނުމުގައި އަމަލުކުރަންވީ އުޞޫލުތަކާ ގުޅޭ

March 19, 2017

                                                                                                                                       ނަންބަރު: 427-LCM/CIR/2017/4

ސަރކިއުލަރ

ލޯކަލް ކައުންސިލް އިންތިހާބުގެ ކަވަރޭޖު ގެނެސްދިނުމުގައި އަމަލުކުރަންވީ އުޞޫލުތަކާ ގުޅޭ

ލޯކަލް ކައުންސިލް އިންތިޚާބު 2017 ގެ ކަވަރޭޖް ގެނައުމުގައި ބްރޯޑްކާސްޓަރުން މަސައްކަތްކުރަމުންދާ މި ދުވަސްވަރު، ކެންޑިޑޭޓުންނާ ގުޅުން ހުރި ޚަބަރާއި މަޢުލޫމާތު ގެނައުމުގައި އަސްލެއް ނެތް ނުވަތަ “އެންޓި ކެމްޕެއިން” ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލަމެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބުނާ ފަދައިން، ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށާއި ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރޫއަރާފާނެ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރަމަށް ނަސޭހަތްތެރިވަމެވެ.

އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރުމަށް ހަނދާންކޮށްދެމެވެ.

ސިޔާސީ ގޮތުން ވާދަވެރިކަން އުފެދިފައިވާ މި ދުވަސްވަރު އިންތިޚާބާ ބެހޭ ކަންތައްތަކުގައި ޞައްޙަ އަދި ތެދު މަޢުލޫމާތު ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް މި ކޮމިޝަނުން ފާސްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަކީ އިންތިޚާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނޭ ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ.

އެހެންކަމުން، އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.

 

 20 ޖުމާދަލްއާޚިރު  1438

19 މާރިޗު 2017