“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ދިނުމަށް ނިންމައި، އެކަން އިޢުލާންކޮށްފި

May 3, 2022

ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށާއި، ވާދަވެރި ސިނާޢަތަކަށް ހެދުމުގެ އިތުރުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް” ދިނުމަށް ނިންމައި އެކަން އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާންކޮށްދެއްވީ މިއަހަރުގެ “ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު”ގެ މުނާސަބަތުގައި ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ދިގު ތާރީޚެއް އޮތްކަން ފާހަގަކުރައްވައި، މި ދާއިރާގއި މިންނެތް މަސައްކަތްކުރައްވާފައިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމުގައި މި މެސެޖްގައި ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އެވޯޑް ތަޢާރަފްކުރުމަކީ މި ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ ހާލަތު އިތުރަށް ރަގަޅުކުރުމަށާއި، ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ނުހަނު އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުންދާ ކަމުގައިވެސް މި މެސެޖްގައި ކޮމިޝަން ރައީސް ފާހަގަކުރެއްވިއެވެ.