ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އިނގިރޭސި ސަފީރާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

September 15, 2020

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ހާލަތާއި، ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ކެރޯން ރޮސްލާއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ޙާލަތާއި،  ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އިނގިރޭސި ސަފީރާ ކޮމިޝަނުން ޙިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި، ބްރޯޑްކާސްޓިންގ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބްރޯޑްކާސްޓަރުން ނެތުންކަން ފާހަގަކުރައްވައި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުން ކަމުގައި ވިދާޅުވިއެވެ.

މިގޮތުން އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ އެހީގައި ބްރޯޑްކާސްޓިންގ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު އިނގިރޭސި ސަފީރާ ޙިއްޞާކުރެއްވިއެވެ.

އިނގިރޭސި ހައިކޮމިޝަނުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އިނގިރޭސި ސަފީރު ކެރޯން ރޯސްލާ މި ބައްދަލުވުމުގައި ވާހަކަދައްކަވައި، ކޮމިޝަނާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީ މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، މި ބައްދަލުވުމުގައި ނައިބު ރައީސް އަޙްމަދު ގައިސްއާއި ކޮމިޝަނަރ ޢަލީ ޔޫސުފާއި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ޝާހީން އަދި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ މުޙައްމަދު ޞަފްވާން އަޙްމަދު އާދިލް ބައިވެރިވެވަޑައިގަތެވެ.