ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ކޮމިޝަނުން ހަވީރެއް ބާއްވައިފި

December 17, 2019

ބްރޯޑްކާސްޓަރުންނާއި ކޮމިޝަނާ މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން އިންތިޒާމުކޮށްގެން ހަވީރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު، މާގިރި ހޮޓެލްގައި ހަވީރުގެ ސަޔާއެކު، ބޭއްވި މި ހަވީރުގައި ރާއްޖޭގައި ޚިދުމަތްދޭ ގިނަ ބްރޯޑްކާސްޓަރުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ދެއްކެވި ވާހަކަފުޅުގައި، ބްރޯޑްކާސްޓްރުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ އޮންނަ ގުޅުން އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އަދި، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ބްރޯޑްކާސްޓަރުންނާ ކޮމިޝަން ގުޅިގެން ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށާއި ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ކޮމިޝަންގެ މެމްބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް ޖުމްލަ 48 ފަރާތަކަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 35 ޓީވީ ޗެނަލެވެ.