ބްރޯޑްކާސްޓް ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ޗެނަލް 13 އިން ކޮމިޝަނާ މަޝްވަރާކޮށްފި

December 26, 2019

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި ޗެނަލް 13 އާ ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

މިއަދުގެ މިބައްދަލުވުމުގައި، ޗެނަލް 13ގެ ފަރާތުން ބައިވެރިވެވަޑައިގެންވި ސްޓޭޝަން މެނޭޖަރ މުޙައްމަދު ސަމާޙާއި، އެޗް. އާރް. މެނޭޖަރ އިސްމާޢީލް ޝާރިޙު ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މަޢުލޫމާތު ހޯދުމަށް ހުރި ދަތިކަން ކަމުގައެވެ. އަދި ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކަށް ޗެނަލް 13އަށް ދަޢުވަތު ނުލިބޭކަމަށް ވިދާޅުވެ، ސަރުކާރުގެ ކުންފުނިތަކުން އެ ސްޓޭޝަނަށް ސްޕޮންސަރ ނުލިބޭކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އޮފީސްތަކުން ބްރޯޑްކާސްޓްރުންނާ މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް އެހީތެރިވެދިނުމަށާއި، ބްރޯޑްކާސްޓަރުންގެ ޙައްޤުގައި އިތުރު ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކޮށްދެއްވުމަށް މި ބައްދަލުވުމުގައި ޗެނަލް 13 ގެ އިސް އޮފިޝަލުން އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، ކޮމިޝަނުން އެއްވެސް ބްރޯޑްކާސްޓަރަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، ކޮމިޝަންގެ ޒިންމާ ކަމުގައިވާ ބްރޯޑްކާސްޓަރުން ބާރުވެރިކުރުމާއި، ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނައުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދޭ ކަންތައް ކަމުގައި ވިދާޅުވިއެވެ.

ކޮމިޝަނުގެ އުއްމީދަކީ، ބްރޯޑްކާސްޓަރުންނާ ވީހާވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، އެ ބަދަލު މިހާރު ފެންނާނެ ކަމަށާއި، އެދެވޭ އިތުރު ބަދަލުތައް ކުރިއަށް އޮތް ތަނުގައިވެސް ފެންނާނެ ކަމުގެ ޔަޤީންކަން މެމްބަރުން ދެއްވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.