ޗެނަލް އޯޝަން އަދި އެމް.ވީ. ޓީވީއާއެކު ކޮމިޝަނުން ބައްދަލުވުންތައް ބާއްވައިފި

December 30, 2019

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދުގެ ބައްދަލުވުންތައް ބޭއްވީ ޗެނަލް އޯޝަން އަދި އެމް.ވީ. ޓީވީއާއެކުއެވެ.

މިގޮތުން މިއަދުގެ ފުރަތަމަ ބައްދަލުވުމުގައި، ބްރޯޑްކާސްޓިންގ ޚިދުމަތް ދެމުންދާގޮތާމެދު ވާހަކަފުޅު ދައްކަވަމުން، ޗެނަލް އޯޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ވަޙީދު ފާހަގަކުރެއްވި ގޮތުގައި، އެ ސްޓޭޝަނުން ގެނެސްދޭ މައިގަނޑު ކޮންޓެންޓަކީ ތަޢުލީމާއި، ތިމާވެށްޓާއި، ތާރީޚާއި އަދި ސަގާފަތާ ބެހޭ ކޮންޓެންޓެވެ. ރާއްޖޭގައި ސީދާ ތަޢުލީމަށް އަމާޒުކޮށް ބްރޯޑްކާސްޓްނުކުރާކަމަށް ވިދާޅުވެ، ބްރޯޑްކާސްޓިންގ ޗެނަލްތަކުން ތަޢުލީމާ ބެހޭ ކޮންޓެންޓް ހިމެނުން މުހިންމުކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، ބްރޯޑްކާސްޓަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ޙައްލު ހޯދުމަށް، ހުރިހާ ބްރޯޑްކާސްޓަރުން ބައިވެރިވާ ބައްދަލުވުމެއް ބޭއްވުން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

ތަފާތު ނުފޫޒުތަކުގެ ސަބަބުން ސްޓޭޝަން ހިންގުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އެންމެ އެދެވިގެންވާ ގޮތުގައި މިވަގުތު ޚިދުމަތް ނުދެވޭކަމަށް އެމް.ވީ. ޓީވީއާއެކު ބޭއްވި ބައްދަލުވުމުގައި، އެ ސްޓޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފައުޒީ ވިދާޅުވިއެވެ. އަދި އަލުން ސްޓޭޝަން އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ވިދާޅުވެ، މިކަމުގައި ކޮމިޝަންގެ އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގަތެވެ.

މި ދެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، މި ބައްދަލުވުންތަކުގައި ފާޅުކުރާ ހުރިހާ ކަންބޮޑުވުންތަކަށް އަލިމަގެއް ހޯދުމަށް ކޮމިޝަނުން މަސައްކަތްކުރައްވާނެ ކަމުގައެވެ.

އަދި ކޮމިޝަންގެ އަމާޒަކީ ބްރޯޑްކާސްޓަރުންނާ ވީހާވެސް ގުޅިގެން، ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށާއި، ހުރިހާ ބްރޯޑްކާސްޓާރުންނާއި އަދި ރީބްރޯޑްކާސްޓަރުންނާ މެދު ކޮމިޝަނުން އަމަލު ކުރާނީ އެއް ހަމައަކުން ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ބްރޯޑްކާސްޓަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ، ކުރިއެރުމަށް މަގުފަހިކޮށްދިނުމަށްވެސް ކޮމިޝަނުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ މި ދެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.