ބްރޯޑްކާސްޓްކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ސީ.އެން.އެމް. އިން ކޮމިޝަނާ މަޝްވަރާކޮށްފި

December 24, 2019

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދު ކޮމިޝަނުން ބައްދަލުކުރީ ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)އާ އެވެ.

މިބައްދަލުވުމުގައި، ސީ.އެން.އެމް.ގެ އިސް އޮފިޝަލުން ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ސްޓޭޝަންތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކެވެ. މާލީ ގޮތުން ބޮޑު ގެއްލުމަކާއެކުވެސް، ބްރޯޑްކާސްޓަރުން ޚިދުމަތް ދެމުންދަނީ މިކަމަށް ހުންނަ ޝައުޤެއްގެ ސަބަބުން ކަމަށް ވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމަކީ ވެސް ގިނަ އަމިއްލަ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިކަމެއް ކަމަށް ވިދާޅުވެ، މިކަމަށް ކޮމިޝަނުން އެކަށީގެންވާ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އެބޭފުޅުން މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގަތެވެ.

މީގެއިތުރުން، ބްރޯޑްކާސްޓް ދާއިރާގައި ފަންނީ، ޤާބިލް މީހުން މަދުވުމުގެ ސަބަބުން ޒަމާނީ، ފަންނުވެރި ކޮންޓެންޓް އުފެއްދުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ، ކޮމިޝަނުން އިސްނަގައިގެން ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯއްދަވައިދިނުމަށްވެސް ސީ.އެން.އެމް.ގެ އިސް އޮފިޝަލުން އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، ބްރޯޑްކާސްޓް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށާއި، ވަރަށް ޚާއްޞަ އިސްކަމެއްދީގެން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

މިގޮތުން، ކަމާގުޅޭ ފަރާތްތަކާ ވަރަށް އަވަހަށް ބައްދަލުކޮށް، ބްރޯޑްކާސްޓަރުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމާއި، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއާއި ބޭރު ޤައުމުތަކުން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

މިއަދުގެ މި ދެ ބައްދަލުވުމުގައި، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.