December 16, 2019
ރީބްރޯޑްކާސްޓިންގގެ ޚިދުމަތްދިނުމުގެ ލައިސަންސް ނަގާފައިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ން، ރީބްރޯޑްކާސްޓިންގ ޚިދުމަތް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ އެކު މިއަދު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި، ދިރާގުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ބައްދަލުވުމުގައި ޙިއްސާކުރިއެވެ. އަދި ރީބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށާއި، މި ޚިދުމަތް ފުޅާކުރުމަށް ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާ އަދި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ކޮމިޝަނާއެކު ދިރާގުން ޙިއްސާކުރިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި، ރީބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރުމަށް ކޮމިޝަނުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، ކޮމިޝަނުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް، ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަފުޅުދެއްކެވިއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ދިރާގުން ފާހަގަ ކުރެއްވި ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސާއި މެމްބަރުން ދެއްވިއެވެ.
ދިރާގުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލްއާއި، ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސަސް އާތިފާ ޢަލީއެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސްގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.