January 27, 2020
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލެއް އެކުލަވާލައި އެ އުސޫލަށް ޚިޔާލުހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީ.ސީ)އާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު، އެއަރޓައިމް ދިނުމުގައި ޢަމަލުކުރަން އެންމެ އެކަށޭނެ ގޮތަކަށް މި އުސޫލު ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިއީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިސްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ ހަމަތައް ބަޔާންކުރާ އުޞޫލުވެ.
އަލަށް އެކުލަވާލާ މި އުޞޫލަށް ޢަމަލުކުރަން ފެށުމުން، 13 އޮގަސްޓް 2018 ގައި ގެޒެޓްކޮށްފައިވާ އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލާއި، 25 ފެބްރުވަރީ 2019 ގައި ގެޒެޓްކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު އުވޭނެއެވެ.
މިއަދުގެ މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، އެ ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމާއި، ކޮމިޝަނަރ އިސްމާޢީލް ޙަބީބު ޢަބްދުއްރަހީމާއި، ނެޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރު މުއައްވިޒު ރަޝީދާއި، އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ އަދި ޑިރެކްޓަރ ޚަދީޖާ ރަޝާއެވެ.
ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.