އޭޝިއާ މީޑިއާ ސަމިޓް 2024 ގައި ކޮމިޝަންގެ ނައިބު ރައީސް އާއި ކޮމިޝަން މެމްބަރު ބައިވެރިވެވަޑައިގެންފި.

September 1, 2024

އޭޝިއާ މީޑިއާ ސަމިޓް 2024 ގައި ކޮމިޝަންގެ ނައިބު ރައީސް އާއި ކޮމިޝަން މެމްބަރު ބައިވެރިވެވަޑައިގެންފި.

 

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން އިންތިޒާމްކޮށްގެން ބާއްވާ 19 ވަނަ “އޭޝިއާ މީޑިއާ ސަމިޓް 2024” ގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އާއި ކޮމިޝަނަރު ސަފާ ޝަފީޤް ބައިވެރިވެވަޑައިގެންފި އެވެ.

ސެޕްޓެމްބަރު 1-5 އަށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ކުރިއަށްދާ އޭޝިއާ މީޑިއާ ސަމިޓްގެ މައިގަނޑު މައުޟޫއަކީ “މީޑިއާ: ދަ ނިއު އޮޑިސީ” އެވެ. މި ސަމިޓަކީ ސަރަހައްދީ މީޑިއާ އިންޑަސްޓްރީގައި މިންގަނޑުތަކާއި ބެންޗްމާކްތައް ކުރިއެރުވުމުގެ އަމާޒު ހިފައިގެން ސަރުކާރުތަކުގެ މެދުގައި މަޝްވަރާތަކަށް މުހިންމު ޕްލެޓްފޯމެކެވެ.

އެކި ޤައުމުތަކުން 500 އަށް ވުރެ ގިނަ ބައިވެރިންނަށް މަރުޙަބާ ކިޔާ މި ސަމިޓުގެ ކުރިން، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު “އޭ.އައި އިން ޓެލެވިޜަން ބްރޯޑްކާސްޓް އެންޑް ޕްރޮޑަކްޝަން” ގެ ނަމުގައި ސަމިޓްގެ ކުރިން ބޭއްވި ވޯކްޝޮޕްގައިވެސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތެވެ.

އޭއައިބީޑީގެ އަހަރީ ފްލެގްޝިޕް އިވެންޓް، އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެތެރެއާއި ބޭރުން ގާތްގަނޑަކަށް 500 އެއްހާ މަތީ ރޭންކިން ބްރޯޑްކާސްޓަރުންނާއި، ނިންމުންތައް ނިންމާ ފަރާތްތަކާއި، މީޑިއާ ޕްރޮފެޝަނަލުންނާއި، ރެގިއުލޭޓަރުންނާއި، އެކަޑަމިކްސް އަދި ސްޓޭކްހޯލްޑަރުން ޝައުގުވެރިވާ އިވެންޓެކެވެ.