މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް ގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

October 4, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ނިމި، ވަރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި  ވަރކްޝޮޕް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ  އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.

މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބޭއްވި މި ވާރކްޝޮޕަކީ ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީއާއި ކޮމިޝަނާ ދެމެދު 24 ސެޕްޓެމްބަރ 2020 ގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ބޭއްވި ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމެވެ.

އޮކްޓޯބަރ 2- 4 އަށް ބޭއްވި މި ވަރކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާނީ ކޮމިޝަންގެ މެމްބަރުންނާއި، އިސްލާމީ ޔުނިވަރސިޓީއާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުންނާއި އަދި ދާއިރާގެ ފަންނީ ބައެއް ބޭފުޅުންނެވެ.

މިއަދު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ، ކޮމިއުނިކޭޝަންސް އިބްރާހީމް މުޙައްމަދު، މީޑިއާގެ ވެށީގައި ސުލޫކީ މިންގަނޑު ހިފެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަދެއްކެވިއެވެ.