“މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ފަށައިފި

October 2, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” މިއަދު ފަށައިފިއެވެ.

މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބާއްވާ މި ވާރކްޝޮޕަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީއާއި ކޮމިޝަނާ ދެމެދު 24 ސެޕްޓެމްބަރ 2020 ގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ބާއްވާ ފުރަތަމަ ޓްރެއިނިންގ ޕްރޮގްރާމެވެ.

އޮކްޓޯބަރ 2- 4 އަށް ބާއްވާ މި ވަރކްޝޮޕްގައި ހިމެނޭ ބައިތަކަކީ ހެޔޮ ވެރިކަން އަދި އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި މީޑިއާގެ ދައުރާއި، ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާއި، ބްރޯޑްކާސްޓްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިންތަކާއި، އިސްލާމީ ނަޒަރުން މަސައްކަތު އަޚްލާޤުގެ އާންމު ސިފަތަކާއި އަދި ޚަބަރު ފެތުރުމުގައި އިސްލާމީ މިންގަނޑުތަކެވެ.

މި ވަރކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާނީ ކޮމިޝަންގެ މެމްބަރުންނާއި، އިސްލާމީ ޔުނިވަރސިޓީއާއި ޖެންޑަރ މިނިސްޓްރީގެ ފަރާތުންނާއި އަދި ދާއިރާގެ ފަންނީ ބައެއް ބޭފުޅުންނެވެ.