ބަޖެޓްގެ ދަތިކަމާ ގުޅިގެން ހިންގުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ކޮމިޝަނުން މަޝްވަރާކޮށްފި

September 1, 2020

މިއަހަރަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި އަދި ކޮމިޝަން އިދާރީ ގޮތުން ހިންގުމަށް ދަތިކަން ހުރުމާ އެކު، އެކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރުފަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކޮމިޝަނުން އަދާކުރަމުންދާ ދައުރުގެ މަޢުލޫމާތު ފިނޭންސް މިނިސްޓަރާ ޙިއްސާކުރިއެވެ. ކޮމިޝަނަށް ލިބިފައިވާ ބަޖެޓުން ދާއިރާގެ ތަރައްޤީއަށް ކުރަން ރާވައިފައިވާ ޕްރޮޖެކްޓަތައް ހިންގުމަށް ހުރި ދަތިތަކުގެ ތަފްސީލްވެސް މި ބައްދަލުވުމުގައި ކޮމިޝަނުން ދިނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި ކޮމިޝަންގެ މެންޑޭޓްގައިވާ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމުގައި ފާހަގަކުރެއްވިއެވެ. ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާއާއި މުސާރައިގެ ކުރިއެރުން ދިނުމަށާއި އަދި ކޮމިޝަން ހިންގަމުންދާ އޮފީސް އިމާރާތަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރުމަށްވެސް މިހާރު ލިބިފައިވާ ބަޖެޓުން ނުފުދޭ ކަމަށް ވިދާޅުވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ މުހިންމު އެއް މަސައްކަތްކަމުގައިވާ މޮނިޓަރިންގެ މަސައްކަތަށް ބޭނުންކުރާ ސިސްޓަމަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި، މިކަމަށް ބޭނުންވާ ބަޖެޓްގެ އެހީތެރިކަން ހަމަޖައްސައިދެއްވުމަށް ކޮމިޝަންގެ ރައީސް މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކޮމިޝަނުން ހުށަހެޅި ކަންތައްތައް އޮންނަ އުސޫލުގެ މަތިން ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށާއި، މޮނިޓަރިންގ ސިސްޓަމް މަރާމާތުކުރުމަށް ބޭނުންވާ ބަޖެޓުގެ އެހީތެރިކަން ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މި ބައްދަލުވުމުގައި ދެއްވިއެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙާއި ޑިރެކްޓަރ،އެޑްމިން އެންޑް އެޗް.އާރް. އަޙްމަދު ރާޝިދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.